ޚަބަރު

ފަހު ވަގުތު ޕަލްމޭރާސްއިން އިންޓަރ މަޔާމީ ހިފަހައްޓައިފި


ފީފާ ކްލަބް ވޯލްޑް ކަޕްގައި މިއަދު ބްރެޒިލްގެ ޕަލްމޭރާސް އާއި ދެކޮޅަށް އންޓަރ މަޔާމީ ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ދެ ލަނޑާއެކު 2-2 ގެ ނަތީޖާއަކުން ޕަލްމޭރާސް އިން އިންޓަރ މަޔާމީ އާއި އެއްވަރުކޮށްފި އެވެ.

މި ނަތީޖާ އާއިއެކު ޕަލްމޭރާސް އަށް ވަނީ ގްރޫޕް އޭ ގައި ކުޅުނު ތިން މެޗުން 5 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވެފަ އެވެ. އިންޓަރ މަޔާމީ އަށްވެސް ފަސް ޕޮއިންޓް ލިބިފައިވާއިރު ޕަލްމޭރާސް އަށް އެއްވަނަ މަގާމް ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މަޔާމީގެ ހާޑްރޮކް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 16 ވަނަ މިނިޓުގައި އިންޓަރ މަޔާމީގެ ޓަޑެއޯ އަލެންޑޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި މެޗުގެ 65 ވަނަ މިނިޓުގައި ލުއިސް ސުއަރޭޒް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައިވަނިކޮށް މެޗުގެ ފަހު ދިހަ މިނިޓުގެ ތެރޭގައި ޕަލްމޭރާސް އިން ވަނީ ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޕަލްމޭރާސްގެ ޕައުލީނިއޯ ވަނީ މެޗުގެ 80 ވަނަ މިނިޓުގައި އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ. އަދި އޭގެ ހަތް މިނިޓު ފަހުން މައުރީސިއޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި ނަތީޖާ އާއިއެކު މި ގްރޫޕުން ދެވަނަ ބުރަށް ކޮލިފައިވެފައިވަނީ މި ދެ ޓީމެވެ. އެއީ މި ގްރޫޕްގައި ދެން ހިމެނޭ ޕޯޓޯ އާއި އަލް އަހްލޫ ބައްދަލުކުރި މެޗު އެއްވަރުވުމާއި ގުޅިގެންނެވެ.

ދެވަނަ ބުރުގައި އިންޓަރ މަޔާމީ އާއި ދެކޮޅަށް ޕީއެސްޖީ ނިކުންނައިރު ޕަލްމޭރާސް އާއި ދެކޮޅަށް ނިކުންނާނީ ބޮޓަފޮގޯ އެވެ.