ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމުގައި އެންމެ ބޮޑު ޢަމާޒަކީ ތަހުގީގުތައް އަވަސްކުރުމުގެ ކެޕޭސިޓީ ފުލުހުންގެ އިދާރާގައި ވަރުގަދަކުރުންކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ދާޚިލީ ސަލާމަތުގެ ދާއިރާގައި ފުލުހުންގެ ޚިދުމަތަކީ ކުރިއެރުވުމަށް ޚާއްސަ އިސްކަމެއްދޭކަމަށެވެ. އެގޮތުން ފުލުހުންގެ ޚިދުމަތް ޤާއިމުވެފައި ނެތް ތަންތަނުގައި ޚިދުމަތް ޤާއިމުކުރުމާއި، އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ މަސައްކަތްތައް ހަލުއިދުވެލީގައި ކުރިއަށްދާކަމަށާއި، ސަރުކާރުގެ ޢަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޕޮލިސް ސްޓޭޝަންތަކުގެ ބޭނުމަކަށްވަނީ، ފުލުހުންގެ އެހީތެރިކަން ބޭނުންވާ ކަންކަމުގައި ރައްޔިތުންނާ ގާތުން އެ ޚިދުމަތް ދެވުންކަމަށެވެ. މިއީ ފުލުހުންނަށް ހުށައަޅާ މައްސަލަތައް ތަހުޤީގުކުރުމުގައިވެސް އަވަސްވާނެ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެދަށުން 100އަށްވުރެ ގިނަ ޕޮލިސް ސްޓޭޝަންގެ ޢަމަލީ މަސައްކަތް އެކުއެކީ އެކި މަރުޚަލާގައި އެބަ ކުރިއަށްދޭ. ގިނަ ޕްރޮޖެކްޓްތަކެއް ކޮންޓްރެކްޓްކޮށްފައިވާއިރު ގިނަ ޕްރޮޖެކްޓްތަކެއްގެ ޢަމަލީ މަސައްކަތައް ކުރިއަށްދޭ" ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ އިތުރުން، ފުލުހުންގެ މަސައްކަތު ޤާބިލިއްޔަތުކަން އިތުރުކުރުމަކީ އެންމެ އިސްކަމެއްދޭ މަސައްކަތްކަމަށެވެ.
"ތަހުގީގު ކެޕޭސިޓީ އިތުރުކޮށް ތަހުގީގުތައް އަސްކުރުން އެންމެ ބޮޑު އިސްކަމަކީ. ފުނިޖެހިފައި ހުރި މައްސަލަތައް އެބަހުރި ތަހުގީގީ މަރުހަލާގައި. ތަހުގީގު ކެޕޭސިޓީ އަދި ފެންވަރު ރަނގަޅުވެގެން މަސައްކަތްތައް އަވަސްވާނީ" ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ގިނަ އަދަދެއްގެ ފުލުހުން މަގުތަކަށް ނެރެ، މަގުމަތީގެ އަމާންކަމާއި، ރައްކާތެރިކަން ޤާއިމުކުރުމުގެ މަސައްކަތްވެސް ހަރުދަނާކުރައްވަނެކަމަށެވެ. އަދި ގިނަ ފުލުހުން ޤާއިމުގެ ޚިދުމަތް ދިނުމަށް ދަތިވާ ތަންތަނުގައިވެސް، ޑިޖިޓަލް ސިސްޓަމްގެތެރެއިން ފުލުހުންގެ ޚިދުމަތްތައް ގުޅާލާނެކަމަށް ވަޒީރު ވިދާޅުވިއެވެ.