ޚަބަރު

ކަސްޓަމްސްއާއި ފުލުހުންނާއި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި


  • ދެ ފަރާތުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރެވުނު

  • މިބައްދަލުކުރެއްވުންތައް ބާއްވާފައިވަނީ ފުލުހުންގެ މައި އިދާރާގައި

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރާތުގެ ތެރެއިންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި ބޭއްވި މި ބައްދަލުވުމުގައި، ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، މުހިންމު ދާއިރާތަކުގައި ދެ ފަރާތުން ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލްގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އަބްދުﷲ ވަހީދު، ޑެޕިއުޓީ ކޮމިޝަނަރ މަޙްމޫދު ރިޔާޒް އަދި ޑެޕިއުޓީ ކޮމިޝަނަރ އިބްރާހިމް މަފާޒްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފުލުހުންގެ ޚިދުމަތާއި ކަސްޓަމްސް ސަރވިސްއިން ގުޅިގެން ދަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. މީގެ ތެރޭގައި ބޯޑަރ ސެކިއުރިޓީގެ މަސައްކަތްތަކާއި، ހުއްދަ ނޫން ހަރަކާތްތައް ހުއްޓުވުމަށް މަސައްކަތްކުރުމުގެ އިތުރުން ދެފަރާތުން ގުޅިގެން ޖޮއިންޓް އޮޕަރޭޝަންތައްވެސް ދަނީ ހިނގަމުންނެވެ.