ޚަބަރު

ޔަހޫދީންގެ ވަރުގަދަ ޙަމަލާތަކެއް އީރާނުގެ ގިނަ ރަށްތަކަކަށް ޢަމާޒުވެ ބޮޑެތި ގެއްލުންތަކެއް


އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ބޮން އަޅާފައި ވަނިކޮށް ޔަހޫދީ އަސްކަރިއްޔާއިން ވެސް އީރާނުގެ އެކި ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތައް ދީިފިއެވެ.

ޔަހޫދީ އަސްކަރިއްޔާއިން ބުނީ އީރާނުގެ އެކި ސަރަޙައްދުތަކަށް ޔަހޫދީންގެ 30 އަސްކަރީ ޖެޓު ޙަމަލާތައް ދީފައިވާ ކަމަށެވެ. އެ ޙަަމަލާތަކުގައި އީރާނުގެ މެދުތެރޭ ސަރަޙައްދެއް ކަމަށްވާ ޔަޒްދުގައި ހުންނަ އިމާމް ޙުސައިން ސްޓްރެޓީޖިކް މިސައިލް ކޮމާންޑް ސެންޓަރަށް ވެސް ގެއްލުން ދީފައިވާ ކަމަށް ޔަހޫދީން ބުނެއެވެ. އެ މަރުކަޒަކީ ޚޮރޮމްޝަހްރު މަރުކާގެ މިސައިލްތައް އީރާނުން ރައްކާ ކޮށްފައި ހުންނަ މަރުކަޒެވެ.

ޔަހޫދީން ނެރުނު ބަޔާނުގައި ބުނީ އީރާނުގެ ބޫޝަހްރަށް ވެސް ޙަމަލާ ދީފައިވާ ކަމަށެވެ. އެ ސަރަޙައްދުންނާއި އަހްޒާޒާއި އަޞްފަހާނުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް އީރާނުގެ ނޫސްތަކުގައި ބުނެފައިވެއެވެ. އަޞްފަހާނަކީ އެމެރިކާއިން ދިން ޙަމަލާގެ އަމާޒެއް ކަމުގައިވި އީރާނުގެ ޔުރޭނިއަމް ބަދަލުކުރާ މަރުކަޒު ހުންނަ ރަށެވެ. މީގެ އިތުރުން ވެސް ޑްރޯން ކޮމާންޑު ސެންޓަރަކާއި މިސައިލް ފޮނުވާ މަރުކަޒަކަށް ޔަހޫދީންގެ ހަނގުރާމަމަތީ ޖެޓުތައް ޙަމަލާ ދީފައިވެއެވެ.

ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ޙަމަލާ ދިނުމުން، އެ ޙަމަލާގެ ރައްދެއްގެ ގޮތުގައި އީރާނުން ވަނީ އޮޕްރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ޚާއްޞަ އަސްކަރީ ހަރަކާތެއް ފަށާފައެވެ. ދެ ފަރާތުން ވެސް ވަރުގަދަ ޙަމަލާތައް ބަދަލުކުރަމުންދާއިރު ޙާމަލާތަކުގައި މިހާތަށް ޔަހޫދީންގެ 24 މީހުން ވަނީ މަރުވެފައެވެ. އަދި އީރާނުގައި 639އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ވެފައެވެ.