ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން 90 އިންސައްތަ ކަންކަން އިސްލާހުކޮށްފައިވާކަމަށް ޕީއެސްއެމްގެ މެނޭޖްމަންޓުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ މެނޭޖްމަންޓުން މިހެން ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާއްމުކުރައްވާފައިވާ 2021 ވަނަ އަހަރުގެ ޕީއެސްއެމްގެ އޮޑިޓް ރިޕޯޓާއި ގުޅިގެނެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާއްމުކުރައްވާފައިވާ ޕީއެސްއެމްގެ އޮޑިޓް ރިޕޯޓްގައި ވަނީ މިދިޔަ ދައުރުގައި ކުންފުނީގެ މާލީ ހާލަތާއި މާލި ކަންކަމުގައި ގެންގުޅެފައިވާ އުސޫލުތަކާއި ގުޅޭގޮތުން ފާހަގަވާ ކަންކަމާއި، އެކަންކަމާއި ގުޅިގެން އަޅުއްވަންޖެހޭ ފިޔަަވަޅުތައް ބަޔާންކުރައްވާފައެވެ. މިގޮތުން އެކި މެނޭޖްމަންޓުތަކުން ވާރުތަވަމުން އަންނަ ދަރަންޏާއި، ކުންފުނީގެ ފައިސާ ބޭނުންކުރުމުގައި މާލިއްޔަތު ޤާނޫނާއި ޤަވާއިދާއި ހިލާފަށް ހިނގާފައިވާ ބައެއް ކަންކަމާއި، އޮޑިޓްތައް ފުރިހަމަނުވުމުގެ މައްސަލަ ހިމެނެއެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓާއި ގުޅިގެން ޕީއެސްއެމްގެ މެނޭޖްމަންޓުން ވިދާޅުވީ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން 90 އިންސައްތަ ކަންކަން އިސްލާހުކޮށްފައިވާކަަމަށެވެ. އަދި ރިޕޯޓްގައި ފާހަގަކޮށްފައިވާ އެެހެނިހެން ކަންކަންވެސް ކުރިއަށްއޮތްތަނުގައި އިސްލާހުވާނޭކަމަށް ޕީއެސްއެމްގެ މެނޭޖްމަންޓުން ފާހަގަކުރައްވައެވެ.
ޕީއެސްއެމްގެ މެނޭޖްމަންޓުން ފާހަގަކުރައްވާގޮތުގައި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމަކީ ކުންފުނީގެ މެނޭޖްމަންޓުގެ އަމިއްލަ އިސްނެންގެވުމުގެ މަތިން ބަލަން ފަށާފައިވާ މައްސަލަތަކެއްކަމަށާއި، އޭގެތެރޭގައި ޤާނޫނާއި ޤަވާއިދާއި ހިލާފަށް ކުންފުނީގެ ފައިސާ ހޭދަކުރުން ހިމެނޭކަމަށެވެ. މީގެއިތުރުން ކުންފުނީގެ ނަން އެކި ފަހަރުމަތިން ބަދަލުވެ، ކުންފުނީގެ މުދަލާއި ދަރަނި ބަދަލުކޮށްފައިވާއިރު، އެކަންކަމުގެ ތަފްސީލް ރަނގަޅަށް ޑޮކިއުމެންޓް ކުރެވިފައިނުވާކަންވެސް ޕީއެސްއެމްގެ މެނޭޖްމަންޓުން ފާހަގަކުރައްވައެވެ. އަދި އެކަމުގެ ސަބަބުން ކުންފުނި އޮޑިޓް ކުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވިކަންވެސް ޕީއެސްއެމްގެ މެނޭޖްމަންޓުން ފާހަގަކުރައްވައެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި އޮޑިޓް ރިޕޯޓަކީ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓަށްވާއިރު، 2022، 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ނެރޭއިރުވެސް މިފަހަރު ފާހަގަކޮށްފައިވާ މައްސަލަތައް އެ ރިޕޯޓްތަކުގައި ހުރުމަކީ އެކަށީގެންވާ ކަމެއްކަން ޕީއެސްއެމްގެ މެނޭޖްމަންޓުން ފާހަގަކުރައްވައެވެ.
ޕީއެސްއެމްގެ މެނޭޖްމަންޓުން ވިދާޅުވީ މީގެކުރިން ކުންފުނި އެންމެ އެކަށީގެންވާ ގޮތެއްގައި އޮޑިޓްކޮށްފައިނުވިނަމަވެސް، މިހާރު އެމަސައްކަތް ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރަމުންދާކަމަށެވެ. އަދި އަމާޒަކީ މިއަހަރު ނިމި، އަންނަ އަހަރުގެ އޮޑިޓް ފެށުމުގެ ކުރިން ކުންފުނީގެ ހުރިހާ މާލީ ހިސާބުތަކެއް ޤާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަކުރުންކަމަށްވެސް ޕީއެސްއެމްގެ މެނޭޖްމަންޓުން ފާހަގަކުރައްވައެވެ.
ޚަބަރާއި މަޢުލޫމާތު ފެތުރުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، މުނިފޫހިފިލުވުންވެސް ޝާމިލުވާގޮތުން ''ޕަބްލިކް ސަރވިސް މީޑިއާ'' ގެ ނަމުގައި ވަކި ކުންފުންޏެއްގެ ގޮތުގައި ޕީއެސްްއެމް އުފެއްދެވީ 2015 ވަނަ އަހަރުއެވެ. ޕީއެސްއެމް އުފެއްދެވީ އޭގެކުރިން ހިނގަމުންދިޔަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން އުވާލުމަށްފަހުއެވެ. އޭގެކުރިންވެސް ކުންފުނީގެ ނަން ވަނީ އެކި ފަހަރު މަތިން ބަދަލުކޮށް، ކުންފުނީގެ މުދަލާއި ދަރަނި ބަދަލުކޮށްފައެވެ. އަދި އެ މަރުހަލާތައް ކުރިއަށްގެންދިޔައިރު ހަރުދަނާ އުސޫލެއްގެ ތެރެއިން އެކަންކަން ކޮށްފައި ނެތުމުން މީގެކުރިންވެސް ވަނީ އޮޑިޓް ރިޕޯޓްތަކުގައި އެ މައްސަލަތައް ފާހަގަކުރައްވާފައެވެ.