ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިދިޔަ މެއި މަހު 50.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިދިޔަ މަހު ފޯރުކޮށްދީފައިވާ މާލީ އެހީގެ ތަފާސްހިސާބު އާންމު ކުރައްވާފައެވެ. އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މެއި މަހު 14،144 މީހަކަށް 50.7 މިލިޔަން ރުފިޔާ މާލީ އިނާޔާތުގެ ގޮތުގައި ދީފައިވެއެވެ.
އެންސްޕާގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،308 މީހުން ހިމެނެއެވެ. މީގެތެރޭގައި 18 އަހަރުން ދަށުގެ 4700 ކުދިން ހިމެނެއެވެ. އަދި މިދިޔަ މަހު އަލަށް 156 މީހަކު ދަފްތަރުކޮށްފައިވާ ކަމަށް އެންސްޕާއިން ވިދާޅުވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯުރުކޮށްދެވިފައިވާ މާލީ އެހީ
— NSPA (@NSPAmaldives) June 22, 2025
މޭ 2025 pic.twitter.com/2Mw1eWNQnA
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2011ވަނަ އަހަރުން ފެށިގެން އެލަވަންސެއް ދޭން ފަށާފައިވާއިރު 2023 ވަނައަހަރު ވަނީ އެފަރާތްތަކަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލާ އެދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.
މިދަފްތަރުގައި ހިމެނޭ މަޢުލޫމާތުގެ އަލީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، ބޭނުންވާ އެހީތެރިކަން އެނގޭނެހެން ޑޭޓާބޭސް އެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާކަންވެސް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމަޢުން ބާކީވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް، އެ މީހުންނަށް ފަހި އުފާވެރި މާހައުލެއް ހޯދައިދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.