ވާނުވާ ބަންދުގައި ތިބި 10 މީހަކު، އިލެކްޓްރޯނިކް ނިޒާމުގެތެރެއިން ޓެގް އަޅުވައި ދޫކޮށްލާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު އިޙްސާން ވިދާޅުވީ ވާނުވާ ބަންދުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމަށެވެ. ވާނުވާ ބަންދަކީ، ތަޙުގީގު ކުރިއަށްދާއިރު، މީހާގެ ފަރާތުން މުޖުތަމަޢަށް ލިބިދާނެ ގެއްލުމަކަށާއި، ހެއްކަށް ނުފޫޒު ފޯރުވުމާއި އަދ ތަޙުޤީހަށް ފިލާފާނެތީ ބަހައްޓާ ބެހެއްޓުމެކެވެ. ނަމަވެސް ޝަރީޢަށް ކުރިއަށް ނުގޮސް، ލަސްވެ ވާނުވާ ބަންދުގައި 5-6 އަހަރު ވެފައިތިބި މީހުންވެސް ޖަލުތަކުގައި އެބަތިބިކަމަށާއި، މިއީ ކަންބޮޑުވާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވާނުވާ ބަންދުގެ މައްސަލައަށް ޙައްލެއް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާއިރު، އެލުއި ދިނުމުގެ މަސައްކަތް މިދިޔަ މޭ މަހުވަނީ ފަށާފައެވެ. ވަޒީރު އިޙުސާން ވިދާޅުވީ، ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ޓެގު އަޅުވާ މީހުން ދޫކުރަން ފަށާފައިވާކަމަށެވެ. މި ޓެގަކީ، މީހާ ހަރަކާތްތެރިވާ ތަން 24 ގަޑިއިރު މޮނިޓަރކުރެވޭ ޑިވައިސްއެކެވެ. އަދި ހުއްދަދީފައިވާ ސަރަޙައްދުން ބޭރަށްދާ ނަމަވެސް، މިޑިވައިސްއިން އެލަރޓްކުރާނެކަމަށެވެ.
"ފުރިހަމައަށް މޮނިޓަރ ކުރެވޭގޮތަށް މީހުން ދޫކުރަނީ. މިހާތަނަށް 10 މީހުން، ޓެގުއަޅުވައި ވަނީ ދޫކޮށްލާފައި. މީގެތެރޭގައިވެސް މުޖުތަމަޢަށް ނުރައްކަލެއްވާނެ ކަމަށް ބެލެވޭ އެއްވެސް މީހަކު ދުލެއް ނުކުރާނެ. ޓެގުގެ ޒަރިއްޔާއިން ދޫކުރާ މީހުން ރަނގަޅަށް ބެލެހެއްޓޭނެ." ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.
ޓެގުއެޅުވުމަށްފަހު މިމީހުން ދޫކޮށްލަނީ ކޯޓުން ކަނޑައަޅާ ވަކި ޝަރުތުތަކަށް ރިޢާޔަތްކޮށެވެ.
މިނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުޠުތައް ކޮންމެ 100 ދުވަހަކުން 1 ފަހަރު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖަޢާކުރާނެއެވެ.
ވަޒީރު ވިދާޅުވީ އެންމެ ބޮޑު ޙައްލެއް ގެންނަން ޖެހެނީ ޝަރީޢަތްތައް އަވަސްކުރުމަށްކަމަށެވެ. އެކަމަށް ހުރި ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަކަމަށް ވިދާޅުވިއެވެ.
"ރައީސް ގެންދަވަނީ ކްރިމިނަލް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް ކުރައްވަމުން. އަމާޒަކީ ޖުލައި 26ގައި އިމާރާތުން ޚިދުމަތް ފެށުން. އޭރުން ފުނިޖެހިފައި ހުރި މައްސަލަތައް އަވަސްކުރެވޭނެ." ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.
އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކުން، ސަބަބާއެކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން އެކަން ކުރިއަށްގެންދެވޭނެކަމަށެވެ. މިކަމަށް އެދޭ ފޯމު އޮންލައިންކޮށް އަދި ކަރެކްޝަނަލް ސަރވިސްގެ މީހުން ބަންދުކުރާ މަރުކަޒުން ލިބޭނެއެވެ.