ޚަބަރު

އިނާޔަތެއް ދީގެންވެސް މުދައްރިސްކަން ކިޔެވުމަށް ޝައުޤުވެރިކުރުވުމުގެ ވިސްނުން އެބަހުރި: ތަޢުލީމީ ވަޒީރު


  • މަތީ ނަތީޖާ ޙާސިލުކުރާ ދަރިވަރުން އުނގަންނައިދިނުމުގެ ދާއިރާއަށް ނުކުންނަންޖެހޭކަމަށް ވިދާޅުވި

  • ރާއްޖޭގައި މަސައްކަތްކުރާ %4 މުދައްރިސުންނަކީ ބަދަލު ޓީޗަރުން

މުދައްރިސުން ތަމްރީންކުރުމުގެ ޤައުމީ ޕްރޮގުރާމްގެ ތެރެއިން، ޚާއްސަ އިނާޔަތެއް ދީގެން މުދައްރިސްކަން ކިޔެވުމަށް ޝައުޤުވެރިކުރުމުގެ ވިސްނުން އެބަހުރިކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ 4 ވަނަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުންނެވެ.

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފުތިތާޙްކޮށްދެއްވީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ މުދައްރިސުން ތަމްރީންކުރުމުގެ ޚާއްސަ ޤައުމީ ޕްރޮގުރާމެއް ސަރުކާރުން އިފްތިތާޙުކުރެއްވީ މުދައްރިސުން ލިބުމުގައި ހުރި ދަތިތަކަށް ހައްލުމަށް ހޯދުމަށްކަމަށެވެ. މިޕްރޮގުރާމްގެ ތެރެއިން އިނާޔަތެއް ދީގެން ނަމަވެސް މުދައްރިސްކަމަށް ދިވެހިން ހިތްޖެއްސުމަށް މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ތަޢުލީމީ ވަޒީރު ވިދާޅުވީ މަތީ ނަތީޖާ ޙާސިލުކުރާ ދަރިވަރުން އުނގަންނައިދިނުމުގެ ދާއިރާއަށް ނުކުންނަންޖެހޭ ކަމަށެވެ.

ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ އެކަށީގެންވާ އަދަދަށް މުދައްރިސުން ނުލިބުމުން މިވަގުތު ރާއްޖޭގައި މަސައްކަތްކުރަމުންދާ މުދައްރިސުންގެ 4 އިންސައްތައަކީ ޓްރެއިންނުވެ، ބަދަލު ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާ މުދައްރިސުން ކަމަށެވެ. އެގޮތުން އެންމެ މަދީ ޕްރައިމަރީ ގުރޭޑުތަކަށް ކިޔަވައިދޭ މުދައްރިސުންނާއި ދިވެހި، އިސްލާމްގެ އިތުރުން ޤުރުއާން މާއްދާ ކިޔައިވައިދޭ މުދައްރިސުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖޭގައި ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން %74 އަކީ ދިވެހިން. ބިދޭސީންގެ އިންސައްތައަކީ 22. އަދިވެސް 200 އެއްހާ ޕްރައިމަރީ ޓީޗަރުން ބޭނުންވޭ. އަދި 600 އެއްހާ ސެން ޓީޗަރުން ބޭނުންވޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސްޕެޝަލް އެޑިކުއޭޝަނަލް ނީޑްސް، ސެން ޓީޗަރުން ލިބުމުގައިވެސް ވަރަށް ބޮޑު ދަތިތަކެއް ދިމާވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ޖުމުލަ 600 އެއްހާ ސެން ޓީޗަރުން މިހާރުވެސް ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ސެން ޓީޗަރުން ތަމްރީންކުރުމުގެ ޚާއްސަ ޕްރޮގުރާމެއް މިއަހަރު ފަށްޓަވާނެކަމަށް ވިދާޅުވިއެވެ.

މިއަހަރަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދައްރިސުން ކިޔަވާ އެއް އަހަރުކަން ތަޢުލީމީ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން މިއަހަރު އަލަށް 600 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ މުދައްރިސުކަން ކިޔަވަމުންނެވެ. ތަޢުލީމީ ދާއިރާއަށް މިހާރުން މިހާރަށް 2400 އަށްވުރެ ގިނަ މުދައްރިސުން ބޭނުންވާކަން ތަޢުލީމީ ވުޒާރާއިން ފާހަގަކުރައްވައެވެ.