މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕުގައި ރޭ ޖަޕާނުގެ އުރާވާ ރެޑް ޑައިމަންޑާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން އިންޓަރ މިލާން މޮޅުވެއްޖެއެވެ.
ގްރޫޕް އީ ގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއިއެކު އިންޓަރ މިލާނަށް ވަނީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ މަގާމު ވަގުތީ ގޮތުން ނަމަވެސް ލިބިފަ އެވެ. އުރާވާ ރެޑްސް އަށް ދެ މެޗުން ޕޮއިންޓެއް ލިބިފައިނުވާއިރު އެ ޓީމު އޮތީ ގްރޫޕުގެ ފުލުގަ އެވެ. ދެވަނައިގައި އޮތް ރިވަރ ޕްލޭޓް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
އުރާވާ ރެޑްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 11 ވަނަ މިނިޓުގައި އެ ޓީމުގެ ރަޔޯމާ ވަތަނަބޭ ވަނީ ލަނޑެއް ޖަހާ ޖަޕާނުގެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ޑިފެންސަށް ވަރަށް ބޮޑަށް އިސްކަން ދީގެން އުރާވާ ރެޑްސް އިން ކުޅުނު މި މެޗުގައި އެ ޓީމަށް ލިބޭ މަދު ފުރުސަތުތަކުގައި އިންޓަރ މިލާނުގެ ގޯލަށް ވަނީ ނުރައްކާކޮށްފަ އެވެ.
މި މެޗުގައި އުރާވާ ރެޑްސްގެ ގޯލަށް އަމާޒުކޮށް އިންޓާރ މިލާނަށް ފޮނުވާލެވުނު ފުރަތަމަ ފުރުސަތަކީ މެޗުގެ 77 ވަނަ މިނިޓުގައި ކެޕްޓަން ލައުޓާރޯ މާޓިނޭޒް ފޮނުވާލި ހަމަލަ އެވެ. އަދި މި ހަމަލާ އާއިއެކު އިންޓަރ މިލާނުން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އިންޓަރ މިލާން މި މެޗުން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވަ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވެލެންޓިން ކާބޮނީ އެވެ. މިއީ އިންޓަރ މިލާނުގެ ކުޅުންތެރިއަކު ގޯލަށް ފޮނުވާލި ބޯޅައެއް އުރާވޭ ކުޅުންތެރިއަކު މަތަ ކުރުމުން ކާބޮނީއަށް ލިބުނު ބޯޅަ ދެވަނަ ފަހަރަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
މި މެޗުން އުރާވާ ރެޑްސް ބަލިވުމާއިއެކު އެ ޓީމު ވަނީ މި މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިނުވެ މުބާރާތުން ކަޓާފަ އެވެ.