ޚަބަރު

ސަރަޙައްދީ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ނަތަންޔާހޫ: އުރުދުޣާން


ސަރަޙައްދީ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

އޯގަނައިސޭޝަން އޮފް އިސްލާމިކް ކޯއޮޕަރޭޝަން، އޯއައިސީގެ ބައްދަލުވުމެއްގައި ޢަރަބް ލީގުގެ ޚަރިޖީވެރިންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ އީރާނުގެ ނިއުލްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އެ ޤައުމުން އެމެރިކާއާއެކު އައު މަޝްވަރާތައް ފަށަން ތައްޔާތުވެފައި ވަނިކޮށް ޔަހޫދީން އިސްވެ އީރާނަށް ޙަމަލާ ދިނުމަކީ މަޝްވަރާތަކަށް ހުރަސްއެޅުމުގެ ޢަމަލެއް ކަމަށެެވެ. އުރުދުޣާން ވަނީ ޔަހޫދީ ދައުލަތުގެ މައްޗަށް އެެއްވެސް މިންވަރެއްގެ ނުފޫޒެއް އޮންނަ ޤައުމެއް ނަމަ ޔަހޫދީންގެ ‘ވިހަ’ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށް ގޮވާލައްވައިފައެވެ. އަދި އީރާނަށް ދެމުންދާ ޙަމަލާތަކުގެ މައްސަލައިގައި މަޝްވަރާގެ މަގުން ޙައްލު ހޯދުމަށާއި، މައްސަލަ އިތުރަށް ގޯސްވުމަށް ފުރުޞަތު ނުދިނުމަށް އޭނާ ވަނީ އިލްތިމާޞް ކުރައްވައިފައެވެ.

އުރުދުޣާން އިތުރަށް ވިދާޅުވީ ނަތަންޔާހޫއާއި އޭނާގެ ސަރުކާރު އެއްވެސް މައްސަލައެއް ޞުލްޙަވެރިކަމާއެކު ޙައްލުކުރަން ނޭދޭ ކަމަށެވެ. ނަތަންޔާހޫގެ މަޤްޞަދަކީ ޒަޔަނިސްޓު މަޤުސަދެއްގެ ގޮތުގައި ސިފަ ކުރައްވައި އުރުދުޣާން އިތުރަށް ވިދާޅުވީ ނަތަންޔާހޫގެ ބޭނުމަކީ މެދުއިރުމަތީގެ ސަރަޙައްދާއި މުޅި ދުނިޔެ ވެސް ޙަލާކާއި މުސީބާތުގެ ތެރެއަށް ގެންދިޔުން ކަމަށެވެ.

އުރުދުޣާން ވަނީ ހުޅަނގުގެ އިސްވެރިން ޔަހޫދީންނަށް ޝަރުތަކާނުލާ ތާއިދުކޮށް ވާގިވެރިވަމުންދާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ މެދުއިރުމަތީގެ ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ލެއިން ފެވުމަށް ތުރުކީވިލާތުން ފުރުޞަތު ނުދޭނެ ކަމަށެވެ. ޔަހޫދީންގެ ފޭރުމާއި ނުބައި އަމަލުތައް ހުއްޓުވުމަށް ޤައުމުތަކުން އެކުގައި މަސައްކަތް ކުރުމަކީ ކޮންމެހެން މުހިންމުކަމެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން އުރުދުޣާން ވިދާޅުވީ ފަލަސްޠީނުގެ އިތުރުން ސޫރިޔާއާއި ލުބުނާނާއި އީރާނަށް ޔަހޫދީން ދެމުންދާ ގެއްލުންތައް ހުއްޓުވަން ޖެހޭ ކަމަށެެވެ.

57 މެންބަރުންގެ މައްޗަށް އެކުލެވޭ އޯއައިސީ އުފައްދާފައި ވަނީ 1969ވަނަ އަހަރުގެ ތެރޭގައެވެ. އޯއައިސީގެ އަމާޒަކީ ބައިނަލްއަޤްވާމީ ހަމަޖެހުމާއި ޞުލްޙަ ކުރިއެރުވުމުގެ ރޫޙުގައި މުސްލިމް ދުނިޔޭގެ މަސްލަހަތު ރައްކާތެރި ކޮށް ހިމާޔަތް ކުރުމެވެ.