ފާދިއްޕޮޅު ތަރައްޤީކުރަމުން އަންނަ "މެއްޔަފުށި މޯލްޑިވްސް" ރިސޯޓް މިއަންނަ އޮކްޓޯބަރު މަހު ހުޅުވަން ނިންމައިފިއެވެ.
މިއީ ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓެއްކަމުގައިވާ ފުށިފަރު މޯލްޑިވްސް ހިންގާ ބީކައިންޑް ހޮސްޕިޓަލިޓީއިން ތަރައްޤީކުރާ ރިސޯޓެކެވެ.
މެއްޔަފުށި މޯލްޑިވްސްއަކީ ފަސްތަރީގެ ޕްރީމިއަމް އޯލް-އިންކްލޫސިވް ރިސޯޓެކެވެ. ޅ. އަތޮޅުގައި ތަރައްޤީކުރާ މި ރިސޯޓު، އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު މި ރިސޯޓު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ރިސޯޓު ތަރައްޤީކުރާ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީޕްލޭނުގައި 35 މިނެޓުގެ ދަތުރަކުން ދެވޭ ރިސޯޓެކެވެ. އަދި އެރިސޯޓުން ފަތުރުވެރިންނަށް ތަފާތު ގިނަ ތަޖުރިބާތަކެއް ކުރެވޭނެކަމަށާއި، ރިސޯޓް ތަރައްޤީކުރަނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކާއި، ސަޤާފަތް ދައްކުވައިދޭފަދަ ގޮތަކަށްކަމަށް ބީކައިންޑް ހޮސްޕިޓަލިޓީއިން ބުނެއެވެ.
މީގެ އިތުރުން، މި ރިސޯޓު ހިންގަމުންދާނީ 24 ގަޑިއިރުގެ ޕްރީމިއަމް އޯލް-އިންކްލޫސިވް ޕްލޭނެއްގެ ދަށުންކަމަށް ބީކައިންޑިން ބުނެއެވެ. އަދި މި ރިސޯޓުން ފަތުރުވެރިންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މެއްޔަފުށީގައި ހުންނާނީ 95 ވިލާ އަދި ސުއިޓެވެ. މިއިން ކޮންމެ ވިލާއެއްވެސް ތަރައްޤީކުރަނީ އިންޑޯ-އައުޓްޑޯ ލިވިންގ ކޮންސެޕްޓަކަށެވެ. މީގެ ތެރޭގައި 4 ކޮޓަރީގެ ޕްރެޒިޑެންޝަލް އޯވަރވޯޓަރ ސުއިޓްވެސް ހިމެނެއެވެ. މި ސުއިޓްގައި އިންފިނިޓީ ޕޫލަކާއި، ސިނަމާއަކާއި، ސްޕާ ރޫމެއްވެސް ހުންނާނެއެވެ.
މެއްޔަފުށްޓަކީ މުނިފޫހިފިލުވުމަށް އަންނަ ފަތުރުވެރިންނަށާއި ވިޔަފާރީގެ ބޭނުމަށް ދަތުރުކުރާ ފަރާތްތަކަށްވެސް އެކަށީގެންވާ ތަނެކެވެ. އެގޮތުން އޯވާ ވޯޓަރ ޓެނިސް ކޯޓެއްގެ އިތުރުން ޕެވިލިއަނެއްވެސް ހުންނާނެއެވެ. އަދި އިވެންޓް ޕްލޭނިންގ އާއި ޒަމާނީ ކޮންފަރެންސް ފެސިލިޓީތައްވެސް ހުންނާނެއެވެ. މީގެ އިތުރުން މުޅި ރަށް އެއްކޮށް ކުއްޔަށް ހިފުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.
ބީކައިންޑް ހޮސްޕިޓަލިޓީއަކީ ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓެއްކަމުގައިވާ ފުށިފަރު މޯލްޑިވްސް ހިންގާ ކުންފުންޏެވެ. މެއްޔަފުށި މޯލްޑިވްސް ހުޅުވުމާއެކު ޓްވިން-ސެންޓަރ ސްޓޭތަކަށާއި މި ދެ ރިސޯޓުގެ ދެމެދުގައި ޚާއްޞަ ދުވަހުގެ ދަތުރުތަކަށް ފުރުޞަތު ހުޅުވިގެންދާނެއެވެ. މިކަމުގެ ސަބަބުން މެހުމާނުންނަށް ހަނދާންނައްތާނުލެވޭ ފަދަ ތަޖުރިބާއެއް ލިބިގެންދާނެކަމަށް ބީކައިންޑް ހޮސްޕިޓަލިޓީއިން ބުނެއެވެ.