ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާނުގެ ވަރުގަަދަ ޙަމަލާތަކެއް ޔަހޫދީ ދައުލަތަށް ދީފިއެވެ.
އީރާނުގެ އިންޤިލާބީ ފައުޖުން ނެރުނު ބަޔާނެއްގައި ބުނީ ޔަހޫދީ ދައުލަތުން އިސްވެ ޖޫން މަހުގެ 13ވަނަ ދުވަހު އީރާނަށް ދިން ޙަމަލާގެ ރައްދެއްގެ ގޮތުން ފަށާފައިވާ އަސްކަރީ ޙަރަކާތް، އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ދަށުން މިހާތަނަށް 15 ފަހަރެއްގެ މަތިން މިސައިލް ޙަމަލާތައް ޔަހޫދީ ދައުލަތަށް ދީފަައިވާ ކަަމަށެވެ. އެންމެ ފަހުގެ ޙަމަލާތައް ދީފައި ވަނީ މިސައިލް އަދި ޑްރޯން ބޭނުން ކޮށްގެންނެވެ. މި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ތެލް އަވީވާއި ހައިފާގައި ހުންަނަ ޔަހޫދީންގެ އަސްކަރީ އަދި ސިނާޢީ މަރުކަޒުތަކަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އިންޤިލާބީ ފައުޖުން ބުނީ ޔަހޫދީންނަށް ދިން ޑްރޯން ޙަމަލާތަކުގައި 100އަށްވުރެ ގިނަ ވައްތަރުތަކުގެ ޑްރޯން ބޭނުން ކުރި ކަމަށެވެ. އޭގެ ތެރޭގައި މިސައިލް ޙަމަލާތައް ހުއްޓުވާ އާލާތްތަކަށް ނުގުޑާ ޑްރޯން ބޭނުން ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އިންޤިލާބީ ފައުޖުން ބަޔާން ނެރުނު ފަހުން ވެސް ޔަހޫދީ ދައުލަތުގެ ބިރް އައްސަބަޢުއަށް ވަރުގަދަ ޙަމަލާއެއް އީރާނުން ދީފައިވެއެވެ. އެ މިސައިލް ޙަމަލާގެ ސަބަބުން އިމާރާތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ގިނަ ޢަދަދެއްގެ މީހުންނަށް އެ ޙަމަލާގައި ޒަޚަމްވެފައިވާ ކަމަށް ޔަހޫދީ ނޫސްތަކުން ބުނެއެވެ.