ނިމިގެންދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ ކުޅުނު މެޗުތައް ފެށުން ލަސްކޮށްފައިވާތީ އެ ކްލަބު އެއް މިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދަކުން ޖުރިމަނާކޮށްފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުން ބުނެފައިވަނީ މިދިޔަ ސީޒަނުގައި މެންޗެސްޓަރ ސިޓީ އިން ކުޅުނު 38 މެޗުގެ ތެރެއިން 9 މެޗު ފެށުނުލެއް ނުވަތަ އިންޓަވަލް އަށްފަހު އަލުން ކުޅުން ފެށުނުލެއް ލަސްވެފައިވާ ކަމަށެވެ.
އެގޮތުން އެންމެ ބޮޑަށް ލަސްވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނު ވަގުތެވެ. އެ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށާފައިވަނީ ކުޅުން ފަށަން އޮތް ވަގުތަށްވުރެ ދެ މިނިޓާއި 23 ސިކުންތު ލަހުންނެވެ.
ޕްރިމިއާ ލީގުން ބުނެފައިވާ ގޮތުގައި ސިޓީ އިން ވަނީ އެކުށް ގަބޫލުކޮށް އެކަމަށް މައާފަށް އެދިފަ އެވެ. މެޗު ފެށުން ލަސް ކުރުމުގެ ސަބަބުން ސިޓީ 1.08 މިލިއަން ޕައުންޑް އިން ޖުރިމަނާކޮށްފައިވާއިރު އެ ފައިސާ ދެއްކުމަށް އެ ކްލަބަށް ދީފައިވަނީ 14 ދުވަހުގެ މުއްދަތެކެވެ.
މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކުގެ ތެރެއިން ޖުމްލަ 22 މެޗެއްގެ ފެށުން ވަނީ ލަސްވެފަ އެވެ. އަދި އެ ކްލަބްތައްވެސް ޖުރިމަނާ ކޮށްފައިވާއިރު މެންޗެސްޓަރ ސިޓީ ކުރި ޖުރިމަނާ އާއިއެކު ޕްރިމިއާ ލީގުން ވަނީ ހުރިހާ ކްލަބެއް 2.09 މިލިއަން ޕައުންޑުން ޖުރިމަނާކޮށްފަ އެވެ.
ޕްރިމިއާ ލީގުން އިތުރަށް ބުނެފައިވަނީ މެޗު ފަށަން އޮންނަ ގަޑިއަށް މެޗުތައް ފެށުމަކީ ޕްރޮފެޝަނަލް ސްޓެންޑަޑް ހިފަހައްޓަން ވަރަށް މުހިންމު ކަމެއް ކަމަށާއި އަދި އެ ކަމުގެ ސަބަބުން މެޗުތަކުގެ ބްރޯޑްކާސްޓިން ރައިޓްސް ގަނެފައިވާ ފަރާތްތަކަށް ގެއްލުންވާ ކަމަށެވެ.
މެންޗެސްޓަރ ސިޓީ އަށް ބޮޑު ޖުރިމަނާއެއް އައިސްފައިޥާއިރު ފާއިތުވެދިޔަ ދުވަސްތަކުގައި އެ ކްލަބުގެ މާލީ ހިސާބުތައް ބަލަހައްޓާފައިޥާ ގޮތާއިގުޅޭ 115 މައްސަލައެއް މިނިވަން ކޮމިޝަނަކުން ދަނީ ބަލަމުންނެވެ. އަދި އެ މައްސަލައިގައި ގޮތެއް ނިންމާފަ އެއް ނުވެއެވެ.