ކުޅިވަރު

ނިކޯ ވިލިއަމްސް އާއި ބާސެލޯނާ އެއްބަސްވުމަކަށް


އެތުލެޓިކް ބިލްބާއޯގެ ފޯވާޑް ނިކޯ ވިލިއަމްސް، އަންނަ ސީޒަނުން ފެށިގެން ސްޕެއިންގެ ބާސެލޯނާއަށް ކުޅުމަށް އެއްބަސްވެއްޖެއެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނިކޯ ބާސެލޯނާއާއެކު އެއްބަސްވީ ހަ އަހަރު ދުވަހުގެ އެގްރީމަންޓެއްގަ އެވެ. މި އެގްރީމަންޓްގެ ދަށުން 2031 ވަނަ އަހަރާ ހަމަ އަށް އޭނާ ކުޅެން ޖެހޭނީ ބާސެލޯނާ އަށެވެ. އަދި ޓެކްސް ކަނޑައި އަހަރަކު ހަތަރެއް ނުވަތަ އަށް މިލިއަން ޔޫރޯގެ މުސާރަ އެއް އޭނާ އަށް ލިބޭނެ އެވެ.

ކުޅުންތެރިޔާއާއެކު ބާސެލޯނާއިން އެއްބަސްވުމަކަށް އައިސްފައިވާއިރު އެތްލެޓިކޯއާއެކު ނިންމަން ޖެހޭ ކަރުދާހުގެ މަސައްކަތްތައް ނިންމުމަށް ބާސެލޯނާގެ އޮފިޝަލުން މިހާރު ވަނީ ބިލްބާއޯގަ އެވެ. ބާސެލޯނާއިން މަޝްވަރާތަކަށް ދިޔައީ ސްޕޯޓީން ޑައިރެކްޓަރު ޑެކޯ އާއި ބޮޔާން ކްރިކް އެވެ.

ނިކޯ ބާސެލޯނާ އަށް ކުޅެން ބޭނުންވާއިރު އޭނާ ގަތުމަށް ބާސެލޯނާއިން މަދުވެގެން 60 މިލިއަން ޔޫރޯ ހޭދަ ކުރަން ޖެހޭނެ އެވެ. އެތްލެޓިކޯއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ކެންސަލް ކުރުމަށް މި ފައިސާ ބާސެލޯނާއިން ދައްކަން ޖެހޭނީ ސްޕެނިޝް ލީގަށެވެ.

ނިކޯ ގަތުމަށް އެންމެ ފަހު ވަގުތު ޖަރުމަނުގެ ބަޔާން މިއުނިކް ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ބަޔާން އާއި އޭނާ ގަތުމަށް މަސައްކަތް ކުރާ ކުލަބުތަކަށް ކުރި އަށް ދެވޭ ގޮތް ނުވީ ކުޅުންތެރިޔާ ކުޅެން ބޭނުންވަނީ ހަމައެކަނި ބާސެލޯނާ އަށް ކަމަށް ވުމުންނެވެ.

އުމުރުން މިހާރު 22 އަހަރުގެ ނިކޯ ވަނީ ސްޕޭނުގެ ގައުމީ ޓީމަށް މިހާތަނަށް 28 މެޗު ކުޅެދީ ހަ ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ ވަނީ 2021 ވަނަ އަހަރުން ފެށިގެން ބިލްބާއޯ އަށް 132 މެޗުން 16 ގޯލު ޖަހައިދީފަ އެވެ.

ނިކޯ ބާސެލޯނާ އަށް ކުޅެން ބޭނުންވި އެންމެ މުހިންމު އެއް ސަބަބަކީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ސްޕޭނުގެ ލަމީން ޔަމާލް ވެސް ކުޅެނީ ބާސެލޯނާ އަށް ކަމުގައި ވުމެވެ. ހުސްވި ސީޒަނުގައި ވެސް ބާސެލޯނާއިން ނިކޯ ގަތުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެ ފަހަރު އެކަން ނުވީ ބާސެލޯނާ އަށް ކުޅުންތެރިން ރަޖިސްޓަރ ކުރުމުގައި ދިމާވި ދަތިތަކާއި ބިލްބާއޯއިން ނިކޯ ދޫކޮށްލަން އެއްބަސް ނުވުމުންނެވެ.