ޚަބަރު

އީރާނަށް ޙަމަލާ ދޭން ޓްރަމްޕް ވިސްނަވާތީ އޭނާއަށް އޮތް ތާޢީދު ފަނޑުވަނީ


ޔަހޫދީންނާ ބައިވެރިވެ އީރާނަށް ޙަމަލާ ދިނުމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވަމުން ގެންދަވާ ކަން ސާފުވުމާ އެކު އޭނާއަށް އޮތް ތާޢީދު ގެއްލެން ފަށާފައިވާ ކަން ހާމަވެއްޖެއެވެ. 2024ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ކާމިޔާބީ ހޯއްދަވާފައި ވަނީ އެމެރިކާ އަލުން ފައްކާ ކުރައްވާނެ ކަމުގެ ވަޢުދާ އެކުގައެެވެ. އޭނާގެ ކެމްޕޭން ހިންގާފައި ވަނީ 'މޭކް އެމެރިކާ ގްރެއިޓް އަގެއިން' (މާގާ)، މި ޝިޢާރުގެ ދަށުންނެވެ.

ނަމަވެސް، ޖޫން 13ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން އީރާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ބައިވެރިވުމަށް ޓްރަމްޕް ނިންމަވާފާނެ ކަމަށް ބެލެވެން ފެށުމާ އެކު، މާގާ ޝިޢާރުގެ ދަށުން އޭނާއަށް ތާޢީދު ކުރާ ގިނަ ބަޔެއްގެ ރުހުން މި ވަނީ ގެއްލެން ފަށާފައެވެ. ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވީ އިތުރު ހަނގުރާމައެއް ނުފަށާނެ ކަމުގެ ވަޢުދާ ވެސް އެކުގައެވެ. އެ ވަޢުދަށް އިޝާރާތްކޮށް، މާގާއަށް ތާޢީދު ކުރާ މީހުން ދަނީ މެދުއިރުމަތީގައި ޔަހޫދީން ފަށާފައިވާ ހަނގުރާމައިގައި ބައިވެރިނުވުމަށް ޓްރަމްޕަށް އިލްތިމާސް ކުރަމުންނެވެ.

އެ ކަމާ ދެކޮޅަށް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ އިސް މެންބަރުން ވެސް ގެންދަނީ އަޑު އުފުލަމުންނެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ޓްރަމްޕްގެ އަރިސް ބޭފުޅެއް ކަމުގައިވާ ސްޓީވް ބެނަންއެވެ. އޭނާއަކީ، ވެރިކަމުގެ ފުރަތަމަ ދައުރުގައި ޓްރަމްޕްގެ އިސް މުޝީރެއްގެ ގޮތުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ، އީރާނަށް ޙަމަލާ ދިނުމުގައި ޔަހޫދީންނާ ބައިވެރިނުވުމަށް ޓްރަމްޕަށް ގޮވައިލައްވާފައެވެ.

"އަޅުގަނޑުމެންނަށް އަލުން އެ ގޮތަށް އަމަލެއް ނުކުރެވޭނެ. އެއިރުން އެ ޤައުމު [އީރާން] ސުންނާފަތިވާނެ. ދެވަނަ ޢިރާޤެއްގެ ފުރުޞަތު ދީގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ، ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ބުނެ އެމެރިކާގެ އިސްތިޢުމާރީ ސިފައިން ޢިރާޤަށް އަރައި، އެ ޤައުމުގެ ވެރިކަން ވައްޓައިލި ކުރި ދިގު، އަދި ލޭއޮހޮރުވުން ބޮޑު ހަނގުރާމައަށެވެ. އެ ހަނގުރާމައިގައި އެތަކެއް ހާސް މުސްލިމުންނެއް ޝަހީދު ކޮށްލާފައިވާއިރު، ޢިރާޤުގެ ބޮޑެތި ރަށްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

ޓްރަމްޕްގެ އަރިސް ބޭފުޅުން މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ގެންދެވުމަކީ، ޔަހޫދީންނާ ގުޅިގެން އީރާނަށް ޙަމަލާ ދިނުމަށް އޭނާ ނިންމަވައިފި ނަމަ، އޭނާއަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ފާޑުކިޔުންތަކާއި ނުރުހުމުގެ ކުޑަ މިންވަރެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޔަހޫދީން އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ހަނގުރާމައިގައި ބައިވެރިނުވުމަށް ރިޕަބްލިކަން ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ބޭނުންވާ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

އީރާނަށް ޙަމަލާ ދިނުމަށް ޓްރަމްޕް ނިންމަވައިފި ނަމަ، ގަލްފުގެ ޤައުމުތަކާ އެކު ގުޅުންތައް ހަރުދަނާ ކުރުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެ މޭރުމުން ހޯއްދަވާފައިވާ ކުރިއެރުންތަކަށް ވެސް ހިޔަނި އެޅިގެންދާނެއެވެ. އަދި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އޭނާ ފަށްޓަވާފައިވާ މަސައްކަތްތަކަށް ވެސް އަސަރު ކުރާނެއެވެ. އީރާނަށް ޙަމަލާ ދީފި ނަމަ އޭގެ ނަތީޖާ ހިތިވާނެ ކަމަށް ބުނެ، އީރާނުން ވެސް ވަނީ ޓްރަމްޕަށް ނުރައްކާތެރި އިންޒާރެއް ދީފައެވެ.

2024ގެ އިތުރުން 2016ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ކާމިޔާބީ ލިބުމުގައި މާގާއަށް ތާޢީދު ކުރާ މީހުންގެ ބައިވެރިވުމާއި ހިއްސާ ބޮޑެވެ. އެމެރިކާގެ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ތިންވަނަ ރިޔާސީ ދައުރަކަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ޓްރަމްޕަށް ނެތް ނަމަވެސް، ރިޕަބްލިކަން ޕާޓީގެ ވެރިކަން ދެމެހެއްޓުމަށް އޭނާއަށް މާގާއަށް ތާޢީދު ކުރާ މީހުންގެ ރުހުމާއި ވޯޓު ބޭނުންވާނެއެވެ. މާގާގެ ތާޢީދު ގެއްލިއްޖެ ނަމަ، 2026ވަނަ އަހަރު ރިޔާސީ ދައުރުގެ މެދުތެރޭގައި ބާއްވާ އިންތިޚާބުގައި ކޮންގްރެސްގެ އަޣުލަބިއްޔަތު ކަށަވަރު ކުރުމަށް ވެސް ރިޕަބްލިކަން ޕާޓީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ނަމަވެސް، މާގާއަށް ތާޢީދު ކުރާ ޢާންމުންގެ ތާޢީދު ގެއްލެމުންދާ ކަމަށް ޓްރަމްޕް ޤަބޫލެއް ނުކުރައްވައެވެ. "އަޅުގަނޑަށް ތާޢީދު ކުރާ މީހުންގެ ލޯބި ދަނީ އިތުރުވަމުން، އަދި އަޅުގަނޑުގެ ހިތުގައި އެ މީހުންނަށް އޮތް ލޯބި ވެސް ދަނީ ބޮޑުވަމުން، އިންތިޚާބުގެ ކެމްޕޭންގައި އޮތް މިންވަރަށްވުރެ ވެސް ބޮޑުވެއްޖެ. އަޅުގަނޑު ބޭނުން ވަނީ އެންމެ ކަމެއް: ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ފުރުޞަތު އީރާނަށް ނުދިނުން،" ޓްރަމްޕް ވިދާޅުވިއެވެ.