ޚަބަރު

އައިކާއޯ އޮޑިޓުގެ ނަތީޖާ ރަނގަޅުވެއްޖެނަމަ، ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އިތުބާރު ލިބޭނެ: ހާރިސް


  • ވައިގެ ދަތުރުފަތުރު ހަރުދަނާ ކުރަން ދެ ޤާނޫނަކަށް އިސްލާހު ގެންނަން ވަނީ ހުށަހަޅާފައި

އައިކާއޯއިން ކުރިއަށް ގެންދާ އޮޑިޓުން ރަނގަޅު ނަތީޖާއެއް ލިބިއްޖެނަމަ ބައިނަލްއަޤްވާމީ ފަރާތްތަކުގެ އިތުބާރު ރާއްޖެއަށް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ސިވިލް އެވިއޭޝަން އޮތޯރިޓީގެ ޗެއަރމަން، އަބްދުލް ހާރިސް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ސިވިލް އެވިއޭޝަން އޮތޯރިޓީގެ ބިލާއި ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރާއި ބެހޭ ބިލަކީ ޒަމާނީ އެކަށީގެންވާ ތަންފީޒީ ނިޒާމެއް މެދުވެރިކޮށް މަދަނީ ދަތުރުފަތުރުތަކާއި، މަދަނީވައިގެ ދަތުރުފަތުރުގެ އެންމެހައި ކަންކަން ހިންގައި ތަންފީޒު ކުރުމަށްޓަކައި މި ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަޤްސަދުގައި ހުށަހަޅާފައިވާ ބިލްތަކެކެެކެވެ. މި އިސްލާހުތަކަކީ މިހާރު ހިންގަމުންދާ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރާއި ބެހޭ ޖަމިއްޔާގެ އޮޑިޓުގައި ރާއްޖެއަށް ރަނގަޅު ނަތީޖާއެއް ހޯދުމަށް ޤާނޫނީ ގޮތުން ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ކުރެވޭ މަސައްކަތެއް ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާއި ބެހޭ ކޮމެޓީގައި ބިލް ދިރާސާ ކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއާއި، ސިވިލް އެވިއޭޝަން އޮތޯރިޓީ އަދި ބަންޑާރަ ނައިބުގެ އޮފީހާއި ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެ ފަރާތްތަކުން ޤާނޫނަށް މި ގެންނަ އިސްލާހުތައް ގެންނަ ސަބަބު ކޮމެޓީއާއި ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އައިކާއޯއިން މިހާރު ކުރިއަށްގެންދާ އޮޑިޓުގެ ޤާނޫނީ ބައިން ރަނގަޅު ނަތީޖާއެއް މި އިސްލާހުތަކާއެކު ލިބިގެންދާނެ ކަމަށް ކޮމެޓީގައި ވަނީ ފާހަގަކުރައްވާއެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން ސިވިލް އެވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއަރމަން އަބްދުލް ހާރިސް ވިދާޅުވީ، އައިކާއޯ އޮޑިޓުން ރަނގަޅު ނަތީޖާއެއް ހާސިލްކުރުން މުހިންމު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދަށް ނަތީޖާއެއް ލިބުމަކީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ރާއްޖެއަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.

"މި އޮޑިޓުން ރަނގަޅު ނަތީޖާއެއް ލިބިއްޖެއިއްޔާ ގްލޯބަލް ކޮންފިޑެންސް އެބަލިބޭ ޤައުމުގެ އޯވާސައިޓަށް. އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ޤައުމުގެ ޓުއަރިޒަމް ޑިޕެންޑް ވަނީ އޭވިއޭޝަނަށް. އޭވިއޭޝަން ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ހިންގާ ކަމަށްވަންޏާ އިތުރު އެއަރލައިންތައް އައުމާއިއެކު އިޤްތިޞާދަށް އަންނަ ހެޔޮ ބަދަލުތައް އަޅުގަނޑުމެން ފާހަގަކޮށްލަން ޖެހޭ" ހާރިސް ވިދާޅުވިއެވެ.

އައިކާއޯގެ އޮޑިޓު މިމަހުގެ 11 އިން 23 އަށް ކުރިއަށް ގެންދާއިރު، މިފަހަރު މި އޮޑިޓު މި ކުރިއަށް ގެންދަނީ 11 އަހަރު ފަހުންނެވެ. އެގޮތުން ޤާނޫނީ ދައިރާއިންނާއި ފަންނީ އެކި ދާއިރާތަކުން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ބަލާނެއެވެ. މީގެ ކުރިން މި އޮޑިޓުގައި ރާއްޖެއިން ހޯދާފައިވަނީ 54 އިންސައްތަ ކަމަށް ދަތުރުފަތުރާއި ބެހޭ ވުޒާރައިން ވިދާޅުވެއެވެ.

ނަމަވެސް ރާއްޖޭގެ މިހާރުގެ އަމާޒަކީ މި އޮޑިޓުން 70 ނުވަތަ 80 އިންސައްތަ ހޯދުން ކަމަށް ދަތުރުފަތުރާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.