ދިވެހިރާއްޖެ އާއި ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ސްޓޭޓް ޕްރެޒިޑެންޓް ލުއޮންގް ކުއޮންގް އަށާއި ބޮޑުވަޒީރު ފާމް މިންހް ޗިންހް އަށް، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ސްޓޭޓް ޕްރެޒިޑެންޓަށް ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި މި ތާރީޚީ މުނާސަބަތުންވެސް، ދެ ޤައުމުގެ ޒަމާންވީ ރަޙުމަތްތެރިކަމާއި، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި ދޭ އެއްބާރުލުން ދައްކުވައިދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. ޚާއްޞަކޮށް ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމާއި، އިޤްތިޞާދީ ގޮތުން އެއްބާރުލުން ދިނުމުގައި 2 ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭކަން ޔަޤީންކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޮޑުވަޒީރަށް ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި، އެ ޤައުމަށް އިތުރު އެއްބާރުލުން ދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުތަކުގައި، ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓާއި ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ވިއެޓްނާމްގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.