މިހާތަނަށް 260،000 އަށްވުރެ ގިނަ މީހުން ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ކާޑު، އީ-ފާސްގައި ރަޖިސްޓްރީވެފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ އަލަށް އެކުލަވާލާ ޑިޖިޓަލް އައިޑެންޓިޓީ ބިލަށް ޚިޔާލު ހޯދަން ބާއްވާ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ. ޑިޖިޓަލް އައިޑެންޓިޓީއާ ބެހޭ ބިލެއްގެ މަސައްކަތް ކުރަން ފަށާފައިވަނީވެސް މިގޮތުން ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ބިލާއެކު އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ މަޢުލޫމާތުގެ ސަލާމަތް ކަށަވަރުކުރެވޭނެކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.
ޑރ. ކިނާނަތު ވިދާޅުވީ ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީއެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ އީ-ފާސް ނިޒާމަށް އައު ބިލާއެކު ހެޔޮ އަސަރުތަކެއްކުރާނެ ކަމަށެވެ. އެ ގޮތުން މި ނިޒާމަށް ރައްޔިތުންގެ އިތުބާރު ލިބި، އިތުރު ރައްކާތެރިކަމެއް ލިބޭނެކަން ޑރ. ކިނާނަތު ފާހަގަކުރެއްވިއެވެ. ޑރ. ކިނާނަތު ވިދާޅުވީ މިހާތަނަށް އައިރު، 260،000 އަށްވުރެ ގިނަ ދިވެހިން އީ-ފާސް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ކޮންމެ ޚިދުމަތެއްވެސް އޭގެ ރައްކާތެރިކަން ކަށަވަރުވާނެ ގޮތަށް ފޯރުކޮށްދިނުން. އަދި ޑިޖިޓަލް ޚިދުމަތްތަކަށް ރައްޔިތުންގެ އިތުބާރު ހޯދުން." ޑރ. ކިނާނަތު ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުގެ ދަށުން މުހިންމު ބިލުތަކެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެ ގޮތުން ޑޭޓާ ސެކިޔުރިޓީއާ ބެހޭ ބިލާއި ސައިބަރ ސެކިއުރިޓީ ބިލު މިހާރު ބަނޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާކަމަށް ކިނާނަތު ވިދާޅުވިއެވެ. އަދި މޯލްޑިވްސް 2.0 ބިލާއި އާޓިފިޝަލް އިންޓެލިޖެންސްގެ ބިލުގެ ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް މިހާރުކުރަމުންދާކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.
އަލަށް އެކުލަވާލާ ޑިޖިޓަލް އައިޑެންޓިޓީ ބިލަށް ޚިޔާލު ހޯދަން ބާއްވާ ވޯކްޝޮޕްގައި ކަމާ ބެހޭ އިދާރާތަކުގެ 90 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ. މި ވޯކްޝޮޕްގެ މަޤުޞަދަކީ ބިލުގެ 2 ވަނަ ޑްރާފްޓް އެކުލަވާލުމުގެ ކުރިން، ޚިޔާލާއި މަޝްވަރާ ހޯދުމެވެ.