ހުސްވެފައިވާ އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ކުރީގެ ކުޅުންތެރިޔާ ޖެނާރޯ ގަޓޫސޯ ހަމަޖައްސަން ނިންމާފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.
މިހާރު ކުރިއަށްދާ 21 އަހަރުން ދަށުން ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އިޓަލީގެ ޓީމުގެ ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި ހުރި އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ގޯލުކީޕަރު ޖިއާންލުއިޖީ ބުފޮން އެ ގައުމުގެ ގައުމީ ޓީވީ ޗެނަލް ކަމުގައިވާ ރާއީ އަށް ދީފައިވާ އިންޓަރވިއުއެއްގައި ބުނެފައިވަނީ ގަޓޫސޯ އެ މަގާމަށް ހަމަޖެއްސުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި މިހާރު އޮތީ އެންމެ ފަހުގެ ކަންތައްތައް ނިންމުން ކަމަށެވެ.
އިޓަލީގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް މީހަކު ހޯދަން ފަށާފައިވަނީ ކުރިން އެ މަގާމުގައި ހުރި ލޫސިއާނޯ ސްޕަލޭޓީ މި މަހު މަގާމުން ވަކިކުރުމަށްފަހުގަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު އިޓަލީ ނޯވޭ އާއި ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު އޭނާ ވަނީ މަގާމުން ވަކި ކުރަން ނިންމާފަ އެވެ. ނަމަވެސް އޭގެ ފަސް ދުވަސް ފަހުން މޮލްޑޯވާ އާއި ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން އިޓަލީ މޮޅުވި މެޗުގައި ސްޕަލޭޓީ ވަނީ އޭނާގެ ފަހު މެޗުގެ ގޮތުގައި ޓީމަށް އިރުޝާދު ދީފަ އެވެ.
2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީ އިން ކާމިޔާބު ކުރި ޓީމުގައި ހިމެނުނު ގަޓޫސޯ ވަނީ އިޓަލީގެ ގައުމީ ޓީމަށް 73 މެޗު ކުޅެދީފަ އެވެ.
ކުޅުން ހުއްޓާލުމަށްފަހު ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ގަޓޫސޯ ވަނީ މީގެ ކުރިން ފްރާންސްގެ މާސޭ އާއި ސްޕެއިންގެ ވެލެންސިއާގެ އިތުރުން އިޓަލީގެ ނަޕޮލީ އާއި އޭސީ މިލާނަށްވެސް ކޯޗު ކޮށްދީފަ އެވެ.
ގަޓޫސޯ އެންމެ ފަހުން ކޯޗު ކޮށްދީފައިވަނީ ކްރޮއޭޝިޔާގެ ހަޔުކް ސްޕްލިޓް އަށެވެ. ނިމިގެންދިޔަ ސީޒަނުގައި އެ ޓީމަށް ތިންވަނަ މަގާމު ލިބުމާއިއެކު ގަޓޫސޯ ވަނީ ދެ ފަރާތުގެ ދެމެދުގައި މަޝްވަރާކޮށް އެ ކްލަބާއިއެކު ހަދާފައިވާ އެއްވަސްވުން އުވާލާފަ އެވެ.