އދ. 3 ވަނަ އޯޝަން ކޮންފަރެންސް ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާއެކު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އިތުރު އެހީ ލިބޭނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކޮންފަރެންސް ނިންމަވާލެވުމަށްފަހު ވަޒީރު ތާރިޤު އިބްރާޙީމް ދެއްވި ބަސްތީގަތުމުގައި ވިދާޅުވީ، އޯޝަން ކޮންފަރެންސްގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރާނެ ގޮތާއި، އަދި ކުރިމަގުގައި މިކަން ކުރުމަށް ރޭވިފައި ހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވުނު ކަމަށެވެ. އަދި ކޮންފަރެންސްގެ ހަވާސާގެ ތެރެއިން ރާއްޖެއަށް ހާއްސަ ހަރަކާތެއް ބޭއްވިގެން ދިޔައިރު، ކުރިމަގުގައި މިކަމުގެ ފައިދާ ރާއްޖެއަށް ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި ސައިޑް އިވެންޓުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުރި ގޮންޖެހުންތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭނެ ކަންކަމާއި މެދު މަޝްވަރާކުރެވުނު ކޮންފަރެންސްއަށް ވަޑައިގެންނެވި ފަރާތްތަކާއިއެކު. ސައިޑް އިވެންޓަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ. އަޅުގަނޑުމެންގެ މިބަލަނީ މީގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އިތުރު އެހީ ލިބިގެންދާނެ ކަމަށް" ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، މިއަހަރުގެ ކޮންފަރެންސް ތެރެއިން އިތުރު ޤައުމުތައް މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކުރުމާބެހޭ މުއާހަދާއެއްކަމަށްވާ "ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން"އާ ގުޅިފައިވާކަން ފާހަގަކުރެއްވިއެވެ. މި މުއާހަދާގައި އެންމެ ފުރަތަމަ ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، މިފަހަރު ކޮންފަރެންސް ތެރެއިން މުއާހަދާގައި ބައިވެރިވި ޤައުމުތަކުގެ އަދަދު 50 އެރިކަން ވަަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މިބަލަނީ މިއަހަރު ތެރޭ 60 ޤައުމު ހަމަވެ، މުއާހަދާގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށް. ޖުމްލަ ގޮތެއްގައި ދަންނަވަނީ ވަރަށް ކާމިޔާބޭ. ކޮންފަރެންސް ތެރެއިން ބައިނަލްއަޤްވާމީ ފަރާތްތަކުން ލިބެންޖެހޭ އެހީތެރިކަން ލިބިގެންދާނެ" ވަޒީރު ތާރިޤު ވިދާޅުވިއެވެ.
ފްރާންސުގައި ބޭއްވި އޯޝަން ކޮންފަރެންސުގައި ދެ ވަޒީރަކު ވަނީ ރާއްޖެ ތަމްސީލްކޮށްފައެވެ. އެއީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤު އިބްރާހީމް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމްއެވެ. ކޮންމެ ދެ އަހަރަކުން ބާއްވަމުން އަންނަ ކޮންފަރެންސްގައި މިއަހަރު 10 ތީމެޓިކް އޭރީއާއިން އެކި މަޝްވަރާތައް ކުރިއަށް ގެންގޮސް ޕެނަލް ޑިސްކަޝަންތައް ވަނީ ބާއްވާފައެވެ.
މިގޮތުން ކަނޑުތައް ބެލެހެއްޓުމާއި، ކަނޑުތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތަކުން މަންފާ ހޯދުމާއި ގުޅޭ މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ.