ދިވެހި ފިލްމު "ސޮރީ"ގެ 15 ޝޯ ފުލްވުމާއި ގުޅުވައިގެން ޚާއްސަ ހަރަކާތްތަކަކާއެކު ޕްރީ ރިލީޒް އިވެންޓް ބާއްވައިފިއެވެ. މިހަރަކާތް އޮތީ އޮލިމްޕަހުގައެވެ.
ފާތިމަތު ނަހުލާގެ އަސަރުގަދަ ފިލްމު ސޮރީ އަންނަ ހަފުތާގެ އަންގާރަ ދުވަހު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާއިރު މި ފިލްމުގެ ޕްރިމިއާއަށް ޕްރޮޑަކްޝަނުން އަންނަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ.
މި ހަރަކާރާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފިލްމުގެ ޕްރޮޑިއުސާރ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނީ ފާހަގަކުރި މި ކާމިޔާބީއަކީ ފިލްމު އެޅުވުމުގެ ކުރިން 15 ޝޯ ފުލްވުމާއި ގުޅިގެން އެކަން ފާހަގަކުރުމުގެ ގޮތުން ބޭްވި ހަރަކާތެއް ކަމަށެވެ. މިއީ ރާއްޖޭގެ ފިލްމީ ދާއިރާގައި ވަރަށް ތާރީޚީކަމެއްކަން ނަހުލާ ވަނީ ފާހަގަކޮށްފައެވެ.
ނަހުލާ ބުނީ އަމާޒަކީ ފިލްމު ޔޫސުފްގެ ރިކޯޑް މުގުރާލުންކަމަށެވެ. އެގޮތުން އެ ޓާގެޓް މިހާރު ގާތްގަނޑަކަށް ހާސިލްވެފައިވާކަމަށް އޭނާ ބުންޏެވެ.
"ޔޫސުފް ގާތް ގަނޑަކަކަށް 17 ޝޯ ހައުސް ފުލްވެގެން ދެއްކީ. މި ފިލްމު މި ހަދަނީ ޔޫސުފްގެ ރެކޯޑް މުގުރާލަން. ޔޫސުފްގެ 50ޝޯވާނީ އަޅުގަނޑުމެން ދައްކާފައި .އަބަދުވެސް އަޅުގަނޑުގެ ރެކޯޑް އަޅުގަނޑު މުގުރަމުން މިދަނީ. މުގުރަން ޖެހެނީވެސް އަޅުގަނޑުގެ ރެކޯޑު އަޅުގަނޑަށް. ޔޫސުފައްވުރެއް މީތި ރަނގަޅުކުރަން ވަރަށް މަސައްކަތް ކުރަމުން މިދަނީ. ޓާގެޓައް ރީޗްވެއްްޖެ" ނަހުލާ ބުންޏެވެ.
ސޮރީގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ފިލްމުގެ ބައެއް މަންޒަރުތައް ނުވަތަ ބީޓީއެސް ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ. އަދި ފިލްމުގެ ތީމް ލަވަވެސް ވަނީ ރިލީސްކޮށްފައެވެ. މި ލަވަ ކިޔާފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ނަބީލް އާއި ނަހުލާގެ ދޮށީ ދަރި ނާޝްއެވެ. ނާޝް އެންމެފަހުން ލަވައެއް ކިޔާފައިވަނީ ފިލްމު ޔޫސުފްއަށެވެ. މި ހަފްލާގައި ބެލުންތެރިންނަށް ނަހުލާ ވަނީ ޓިކެޓަކާއި ނުލާ ނަހުލާގެ ފިލްމު "4426" ފިލްމު ބަލާލުމުގެ ފުރުޞަތު ދީފައެވެ.
ނަހުލާ ބުނީ މީއީ އޭނާގެ މަސައްކަތް ބަލައިގަނެ، ދެމުންގެންދާ ސަޕޯޓާއި ލޯތްބައްޓަކައި ބެލުންތެރިނަަށް ދިން ހަދިޔާއެއްކަމަށެވެ.
ޖޫން 17ގައި ރިލީސްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ބޮޑު ކާސްޓަކާއެކު އުފައްދާ މި ފިލްމުން ރާއްޖޭގެ ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެވޭ މަޝްހޫރު ތަރިން ކަމަށްވާ ޔޫސުފް ޝަފީޢު(ޔޫއްޕެ)، މަރިޔަމް އައްޒަ ފަދަ ތަރިން ފެނިގެންދާނެއެވެ. މީގެ އިތުރުންވެސް ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ގިނަ ތަރިންތަކެއް މި އެކި ރޯލްތަކުން ފެނިގެންދާއިރު، މި ފިލްމަކީ ބެލުންތެރިން ޝައުޤުވެރިވާ އަދި ޢައިލާތަކުން ބަލަން ޖެހޭ ފިލްމެއް ކަމަށް ފިލްމުގެ ޕްރޮޑިއުސަރ ނަހުލާ ބުނެއެވެ.
ސޮރީއަކީ ނަހުލާ ފިލްމު ޕްރޮޑިއުސް ކުރުމުން ބޮޑު ބްރޭކެއް ނެގުމަށް ފަހު އާ ފިލްމެއް އާންމުންނަށް ދޫކޮށްލާ ފުރަތަމަ ފަހަރެވެ. ނަހުލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ. އެއީ، ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020އަށް ދެއްކިއެވެ.