ޚަބަރު

ވާރޓްޒް ހޯދުމަށް ލިވަޕޫލް އިން 136.6 މިލިއަން ޔޫރޯގެ ރެކޯޑް އަދަދެއް


ޖަރުމަނުގެ ބެޔާރ ލެވަކޫސަން އަށް ކުޅެމުންދާ ފްލޯރިއަން ވާރޓްޒް ހޯދުމަށް ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލް އިން އެ ކްލަބުގެ ރެކޯޑް އަދަދެއް ކަމުގައިވާ 136.6 މިލިއަން ޔޫރޯ އަށް އެއްބަސްވެއްޖެ އެވެ.

އުމުރުން 22 އަހަރުގެ ވާރޓްޒް ހޯދުމަށް ލިވަޕޫލް އިން މީގެ ކުރިންވެސް މަސައްކަތް ކޮށްފައިވާއިރު އޭރު ލިވަޕޫލް އިން ހުށައެޅި އަގަށް ލެވަކޫސަން އިން ވަނީ އޭނާ ވިއްކާލުމަށް ދެކޮޅު ހަދާފަ އެވެ. އަދި ފަހުން ލިވަޕޫލް އިން ވަނީ އަގު ބޮޑުކޮށްފަ އެވެ.

މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ލެވަކޫސަން އަށް ލިވަޕޫލް އިން ފުރަތަމަ ވެސް 117.5 މިލިއަން ޔޫރޯ ދައްކާނެ އެވެ. އަދި އެޑްއޮންގެ ގޮތުގައި އިތުރު 18.8 މިލިއަން ޔޫރޯ ލެވަކޫސަން އަށް ލިބިގެންދާނެ ކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ވާރޓްޒް ލިވަޕޫލް އަށް ގެންދިއުމާއިއެކު އޭނާ ވެގެންދާނީ ލިވަޕޫލްގެ ތަރީޚުގައި އެކްލަބަށް ގެންދިޔަ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. މީގެ ކުރިން ލިވަޕޫލްއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ 2018 ވަނަ އަހަރު ސައުތެމްޓަން އިން ޑިފެންޑަރ ވެންޑައިކް ހޯދުމަށް އެ ކްލަބަށް ދެއްކި 75 މިލިއަން ޕައުންޑެވެ.

އުމުރުން 17 އަހަރުގައި ލެވަކޫސަންގެ ސީނިއާ ޓީމަށް ކުޅެން ފެށި ވާރޓްޒް ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 197 މެޗުގައި 57 ލަނޑު ޖަހާފަ އެވެ. އަދި 2024 ވަނަ އަހަރު ޖަރުމަނުގެ ބުންޑެސްލީގާގެ ޗެމްޕިއަންކަން އެ ކްލަބުން ހޯދިއިރު އޭނާ ވަނީ އެ ކްލަބުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ނިމިގެންދިޔަ ސީޒަނުގައި ވާރޓްޒް ވަނީ ލެވަކޫސަން އަށް ކުޅުނު 45 މެޗުގައި 16 ލަނޑު ޖަހާ 15 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ވާރޓްޒް ލިވަޕޫލް އާއި ގުޅިފައިވާއިރު އޭނާ ވެގެންގޮސްފައިވަނީ މި ހޫނު މޫސުމުގައި ލެވަކޫސަން އިން ލިވަޕޫލް އަށް ގެންދިޔަ ދެވަނަ ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން ލިވަޕޫލް އިން ވަނީ ޑިފެންޑަރ ޖެރެމީ ފިމްޕޮންގްވެސް އެ ކްލަބަށް ގެންގޮސްފަ އެވެ.

ލިވަޕޫލްގެ ފަހަތް ބެލެހެއްޓުމުގައި މުހިންމު ދައުރެއް މީގެ ކުރިން އަދާކޮށްފައިވާ ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް އެ ކްލަބު ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެފައިވާތީ އޭނާ ނެތްތަން ފޫބެއްދުމަށް އެ ކްލަބުން މިހާރު މަސައްކަތް ކުރަމުންދަނީ ބޯންމަތުގެ ޑިފެންޑަރ މިލޮސް ކާރކޭޒް ހޯދުމަށެވެ. ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އޭނާ ހޯދުމަށް ލިވަޕޫލް އިން 45 މިލިއަނާއި 50 މިލިއަން ޕައުންޑާއި ދެމެދުގެ ފީއެއް ހޭދަކުރާނެ އެވެ.