އާޖެންޓީނާގެ ޒުވާން މީޑްފީލްޑަރ ފްރޭންކޯ މަސްޓަންޓުއޯނޯ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ރެއާލް މެޑްރިޑަށް ސޮއިކޮށްފި އެވެ.
އާޖެންޓީނާގެ ރިވަރ ޕްލޭޓް އަށް ކުޅެމުންދިޔަ އުމުރުން 17 އަހަރުގެ ފްރޭންކޯ ސްޕެއިންގެ ރެއާލް މެޑްރިޑާއި ގުޅުނުއިރު އޭނާގެ ޓްރާންސްފަރ ފީގެ ގޮތުގައި ރެއާލް މެޑްރިޑް އިން ވަނީ 45 މިލިއަން ޔޫރޯ ރިވަރ ޕްލޭޓް އަށް ދީފަ އެވެ. މިއީ ކުޅުންތެރިއަކު ވިއްކައިގެން ރިވަރ ޕްލޭޓް އަށް ލިބުނު އެންމެ ބޮޑު އާމްދަނީ އެވެ.
ފާއިތުވެދިޔަ ދެ ސީޒަނުގައިވެސް ރިވަރ ޕްލޭޓްގެ ފުރަތަމަ ޓީމުގައި ހިމެނިގެން ގިނަ މެޗުތަކެއް ކުޅެފައިވާ ފްރޭންކޯ ވަނީ ބޮކަރ ޖޫނިއަރސް ކޮޅަށް ލަނޑު ޖަހާ ވާދަވެރި މި ދެ ޓީމުގެ މެޗެއްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެފަ އެވެ.
އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗު ލިއޮނެލް ސްކެލޯނީ ވަނީ ވޯލްޑްކަޕް ކޮލިފައިންގައި އާޖެންޓީނާ މި މަހު ކުޅުނު ދެ މެޗަށް ނެގި ސްކޮޑުގައި އޭނާ ހިމަނާ މިދިޔަ ހަފްތާގައި ޗިލީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރުވާފަ އެވެ. އަދި މި ބަދަލާއިއެކު އޭނާ ވެފައިވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެފަ އެވެ.
ފްރޭންކޯ ރެއާލް މެޑްރިޑަށް ސޮއި ކުރި ނަމަވެސް އޭނާގެ ކޮންޓްރެކްޓްގެ މުއްދަތު ގުނަން ފަށާނީ އަންނަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހަށްފަހު އޭނާއަށް އުމުރުން 18 އަހަރު ފުރުމުންނެވެ.
މި ސީޒަނުގައި ފްރޭންކޯގެ ފަރާތުން ފެނިގެންގޮސްފައިވާ މޮޅު ކުޅުމާއިއެކު ޔޫރަޕްގެ މަޝްހޫރު ކްލަބްތަކުން ވަނީ އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑާއި ފްރާންސްގެ ޕީއެސްޖީ ހިމެނެ އެވެ.
ކުރިއަށް އޮތް ސީޒަނަށް ރެއާލް މެޑްރިޑް ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއީ އެ ކްލަބަށް މި ހޫނު މޫސުމުގައި ސޮއި ކުރި ތިންވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ކްލަބާއި ގުޅުން ކުޅުންތެރިންގެ ތެރޭގައި އިންގްލެންޑްގެ ޑިފެންޑަރ ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް އާއި ބޯންމައުތުގެ ޑީން ހުއިސެން ހިމެނެ އެވެ.