ފީފާ ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް މެންޗެސްޓާ ސިޓީ ތައްޔާރުވެފައިވީ ނަމަވެސް، އޭނާ ހުރީ ވަޒަން ނާރާ ޖެކެޓެއް ލައިގެން ނޫން ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
އޭނާ މިހެން ބުނީ ސިޓީ އަށް ޒުވާން ކުޅުންތެރިން ގެނެސްފައިވުމާއި އެ ކުލަބުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިން އަނިޔާއިން ރަނގަޅު ވެފައިވުމުން އެއީ ތަށި ހޯދާނެ ޓީމެއް ކަމަށް ގިނަ ބަޔަކު ބުނަން ފެށުމުންނެވެ.
"އަހަރުމެންނަށް މިދިޔަ ސީޒަން ދިޔައީ ވަރަށް ގޯސްކޮށް. އަހަރުމެން ހިޔެއް ނުކުރަން އެ ހެން ވާނެ ކަމަށް. އެކަމަކު މިހާރު އަހަރުމެން މި މުބާރާތް ކާމިޔާބު ކޮށްފާނެ ކަމަށް ދެކޭ މީހުން ގިނަ. އެކަމަކު އަހަރެން މި ހުރީ ވަޒަން ނާރާ ޖެކެޓެއްގަ އެއް ނޫން. އަހަރުމެން ބަލިވެދާނެ،" ގާޑިއޯލާ ބުންޏެވެ.
ސިޓީ އާއި ބާސެލޯނާގައި ކުލަބު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ގާޑިއޯލާ ބުނީ މުބާރާތުގެ ފޯމެޓް ބަދަލުކޮށް މި ފަހަރު ކުޅެން ފެށުމުން މިއީ ހާއްސަ މުބާރާތެއް ކަމަށެވެ.
"ކޮންމެ ބަޔަކު ވެސް ތަށި ހޯދަން ބޭނުންވާނެ. އަހަރުމެން ވެސް އެކަމުން ވަކި ތަފާތެއް ނުވާނެ. އަހަރުމެންނަށް މި ތަށި ލިބުނަސް ކާމިޔާބު ސީޒަނަކަށް ނުވާނެ. އަހަރުމެން އަންނަ ސީޒަން ފަށާނީ ކާމިޔާބު ކަމާއެކު ނިންމަން ވިސްނައިގެން،" ގަޑިއޯލާ ބުންޏެވެ.
ސިޓީގެ ކުޅުންތެރިންގެ ތެރެއިން ގާޑިއޯލާގެ ކޯޗުކަމުގައި ގެނައި އެންމެ އަގު ބޮޑު ކުޅުންތެރިޔާ ޖެކް ގްރީލިޝް މި ފަހަރުގެ މުބާރާތުގެ ސްކޮޑުގައި ނުހިމަނަ އެވެ. އެސްޓަން ވިލާ އަށް 100 މިލިއަން ޔޫރޯ ދީފައި ގެނައި ކުޅުންތެރިޔާ ވިއްކާލަން ސިޓީން ވަނީ ނިންމާފަ އެވެ. އަދި އޭނާ ގަންނާނެ ބަޔަކު ނުވިޔަސް ލޯނު އުސޫލުން ދޫކޮށްލަން ވަނީ ނިންމާފަ އެވެ.