ވުލްވްސްއަށް ކުޅެމުންދިޔަ ބްރެޒިލްގެ ފޯވާޑް މެތިއުސް ކޫނިއާ އެންމެ ފަހުން ޕްރިމިއާ ލީގުގެ ކްލަބް މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކޫނިއާ މެންޗެސްޓަރ ޔުނައިޓެޑާއި ގުޅިފައިވަނީ 62.5 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީ އަކަށެވެ. އަދި މި އެއްބަސްވުމުގައި ވާ ގޮތުން އެއް އަހަރު އިތުރު ކުރުމުގެ މާއްދާއެއް ވަނީ ހިމަނާފަ އެވެ.
ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އިން 2023 ވަނަ އަހަރު ވޮލްވްސް އާއި ގުޅުނު ކޫނިއާ ވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި އެ ޓީމަށް މުހިންނު ލަނޑުތަކެއް ޖަހައިދީފަ އެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި އެ ކްލަބަށް ކުޅުނު 76 މެޗުގައި އޭނާ ވަނީ 31 ލަނޑު ޖަހާފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމަށްފަހު ކޫނިޔާ ބުނެފައިވަނީ މިއީ އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވި ވަގުތު ކަމަށެވެ.
"މިއީ އަހަރެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވި ދުވަހެއް. މިވަގުތު އަހަރެންނަށް ކުރެވޭ އިހުސާސްތައް ބުނެދޭން އުނދަގޫ." ކޫނިޔާ ބުންޏެވެ.
"އަހަރެން ކުޑައިރު ބްރެޒިލްގައި ހުރެ ޓީވީ އިން ޕްރިމިއާ ލީގު ބަލާއިރުވެސް އަހަރެންނަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރެއް. އަދި މި ކްލަބުގެ ޖާޒީ ލައިގެން ކުޅުމަކީ އަހަރެން ދެކެމުން އައި ހުވަފެނެއް." ކޫނިއާ އިތުރަށް ބުންޏެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ޑިރެކްޓަރ އޮފް ފުޓްބޯލް ޖޭސަން ވިލްކޮކްސް ބުނެފައިވަނީ ކޫނިއާ އެ ކްލަބަށް ގެނައުމަކީ އެމީހުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދިޔަ މަސައްކަތެއް ކަމަށެވެ.
ނިމިގެންދިޔަ ސީޒަނުގައި އެދެވޭ ނަތީޖާއެއް ހޯދިފައިނުވާއިރު ޔޫރަޕްގެ ފުޓްބޯޅަ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތުވެސް ޔުނައިޓެޑަށް ވަނީ ގެއްލިފަ އެވެ.