ކުޅިވަރު

ދަނޑު ފުރާލަން ކުލަބު ވޯލްޑް ކަޕަށް ކިޔަވާ ކުދިން ވައްދަނީ


ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތަކުގެ ޓިކެޓް ނުވިގެން ވަރަށް ކުޑަ އަގެއްގައި ސްކޫލް ކުދިން ދަނޑަށް ވައްދައިގެން ދަނޑު ފުރާލަން ފީފާއިން ނިންމައިފި އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން މި ގޮތަށް ނިންމީ ދުނިޔޭގެ އެންމެ ގަދަ 32 ޓީމު ބައިވެރިކޮށްގެން ފުރަތަމަ ފަހަރަށް ކުޅޭ މުބާރާތުގެ މެޗުތަކުގެ ގިނަ އަދަދެއްގެ ޓިކެޓް ނުވިކި ހުރުމުންނެވެ.

އެމެރިކާގައި މާދަމާ ފަށާ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީގެ އިންޓަ މިއާމީ އާއި މިސުރުގެ އަލް އަހުލީ އެވެ. މި މެޗު ކުޅުމަށް ހަމަޖައްސާފައިވަނީ އެމެރިކާގެ ހާޑްރޮކް ސްޓޭޑިއަމުގަ އެވެ. މި ދަނޑަށް ކުޅިބަލަން 65326 މީހުންނަށް ވަދެވެ އެވެ. ނަމަވެސް މިހާތަނަށް ވިކިފައިވަނީ 20000ވުރެ މަދު އަދަދެއްގެ ޓިކެޓް ކަމަށް އެމެރިކާގެ މީޑިއާ ތަކުން ބުނެ އެވެ.

މިހެންވެ ފީފާއިން މިހާރު ނިންމާފައިވަނީ މެސީ ކުޅޭ މެޗު ބަލަން ޔުނިވަރސިޓީ އާއި ސްކޫލްތަކުގެ ކުދިން ދަނޑަށް ވެއްދުމަށެވެ. މި ގޮތުން އެ ކުދިންނަށް ޓިކެޓް ވިއްކަން ހަމަޖައްސާފައިވަނީ 4 ޑޮލަރަށެވެ. އަދި ގަންނަ ކޮންމެ ޓިކެޓަކާއެކު ތިނެއް ނުވަތަ ހަތަރު ޓިކެޓް ހިލޭ ދިނުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.

"އެއްވެސް ކަމަކާ ހާސް ވާނެ ކަމެއް ނެތް. އަހަރުމެން ދަނޑު ފުރާލާނަން. މުބާރާތުގެ މެޗުތައް ހުސްކޮށް އޮވެ ކުޅޭކަށް ނުޖެހޭނެ. އަހަރުމެން މިދަނީ އެ ކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން،" ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުންޏެވެ.

މި ފަހަރުގެ ކުލަބު ވޯލްޑްކަޕް އެމެރިކާގައި ކުޅޭއިރު މަޝްހޫރު ބައެއް ޓީމުތަކާއި ކުޅުންތެރިން ނެތުމަކީ ވެސް އެމެރިކާގެ ސަޕޯޓަރުންގެ މެދުގައި މުބާރާތާމެދު ޝައުގުވެރިކަން ކުޑަވެފައިވާ ކަމުގެ ސަބަބެކެވެ. ހާއްސަކޮށް ބާސެލޯނާ އާއި ލިވަޕޫލް އަދި ސައޫދީ ލީގުގެ އައް ނަސްރަށް ކުޅޭ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ އެމެރިކާގެ ސަޕޯޓަރުންގެ މެދުގައި މަޝްހޫރު ޓީމުތައް ނެތުމަކީ ބޮޑު ސަބަބެކެވެ.