ލިވަޕޫލް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި އިނގިރޭސި ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ބޭނުންވި ޖާޒީ ނަންބަރު އޭނާއަށް ލިބޭގޮތެއްނުވި އެވެ.
އާނޮލްޑް ބޭނުންވީ ލިވަޕޫލްގައި ވެސް އޭނާ ބޭނުންކުރި 66 ނަންބަރެވެ. މި ނަންބަރު އޭނާ އަށް ދިނުމަށް ރެއާލް މެޑްރިޑުގެ އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު މި ކަމަށް ހުރަސް އެޅީ ސްޕެނިޝް ލީގުންނެވެ. އެ ލީގުގެ ގަވާއިދު ބުނާ ގޮތުން ކުޅުންތެރިންނަށް ބޭނުން ކުރެވޭނީ އެކަކުން ފެށިގެން 25 ވަނަ އަދަދާ ހަމައަށެވެ.
މިހެންވެ ރެއާލް މެޑްރިޑުގައި އާނޮލްޑް ބޭނުން ކުރާނީ 12 ނަންބަރު ޖާޒީ އެވެ.
މީގެ އިތުރުން ޖާޒީގައި ނަމެއްގައި ގޮތުގައި އޭނާ ބޭނުން ކުރާނީ ޓްރެންޓް އެވެ. މިއީ ވެސް ލިވަޕޫލްގައި ބޭނުންކުރި ނަމާ ތަފާތު ނަމެކެވެ. ލިވަޕޫލްގައި އޭނާ ބޭނުން ކުރި ނަމަކީ އެލެގްޒެންޑާ އާނޮލްޑެވެ.
ރެއާލް މެޑްރިޑުން އާނޮލްޑްގެ ސޮއި ހޯދީ ނިމިދިޔަ ސީޒަނުގެ މެދުތެރެއިންނެވެ. ނަމަވެސް އޭނާގެ ކޮންޓްރެކްޓް ނިމޭނީ މި މަހުގެ ނިޔަލަށް ކަމަށްވާތީގެ އޭގެ ކުރިން އޭނާ ލައްވައި ކުޅުވުމަށް ރެއާލް އިން ވަނީ ލިވަޕޫލަށް 10 މިލިއަން ޔޫރޯ ދީފަ އެވެ. އެއީ މާދަމާ އެމެރިކާގައި ފަށާ ކުލަބު ވޯލްޑް ކަޕުގައި އޭނާ ލައްވައި ކުޅުވުމަށްޓަކަ އެވެ.
އާނޮލްޑް ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލުން އޮތީ މިއަދު އެ ކުލަބުގެ ރަސްމީ ދަނޑު ސެންތިއާގޯ ބާނަބައުގަ އެވެ. މި ރަސްމިއްޔާތުގައި އިސްކޮށް ހުންނެވީ ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒެވެ. އާނޮލްޑް ބުނީ ރެއާލް އަށް ކުޅުމަކީ އޭނާގެ ވަރަށް ބޮޑު އުއްމީދެއް ހަގީގަތަކަށްވުން ކަމަށެވެ.