އިންޑިޔާގެ ހުޅަނގު ގުޖްރާތު ސްޓޭޓްގެ އަޙްމަދްއާބާދް ކައިރިއަށް ވެއްޓުނު އެއަރ އިންޑިއާ މަތިންދާބޯޓުގައި ދަތުރުކުރި މީހުންގެ ތެރެއިން ސަލާމަތްބީ އެންމެ މީހެއް ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި، ވެއްޓިފައި ވަނީ 242 މީހުންނާ އެކު އަޙްމަދްއާބާދުން ފުރައިގެން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓެކެވެ. އަޙްމަދުއާބާދް ވައިގެ ބަނދަރު ކައިރީގައި އޮންނަ މޭގާނީނަގަރް ކިޔާ ސަރަޙައްދަކަށް މަތިންދާބޯޓު ވެއްޓިފައި ވަނީ، އަޙްމަދްއާބާދުގެ ވައިގެ ބަނދަރުން އުދުއްސައިލިތާ ކުޑަ ވަގުތު ކޮޅެއް ފަހުންނެވެ.
މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 11 ކުޑަކުދިންނާއި 12 ފަޅުވެރިން ހިމެނެއެވެ. މަތިންދާބޯޓުން ދަތުރުކޮށްފައި ވަނީ އިންޑިޔާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުންނާއި ޕޯޗުގަލްގެ ހަތް މީހުންނާއި ކެނެޑާއަށް ނިޞްބަތްވާ މީހެއް ކަމަށް އެއަރ އިންޑިޔާއިން ބުނެއެވެ.
އިންޑިޔާގެ ޓީވީ ޗެނަލްތަކުން ވަގުތުން ދައްކަމުންދާ ވީޑިޔޯތަކުން ފެންނަނީ، މަތިންދާބޯޓު ވެއްޓުނު ސަރަޙައްދުގައި ބިޔަ އަލިފާންގަނޑެއް ރޯވެ، އަނދަމުންދިޔައިރު، އަލިފާން ނިއްވުމަށް ފަޔަރ ފައިޓަރުން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.
މަތިންދާބޯޓު ވެއްޓިފައި ވަނީ، އަޙްމަދުއާބާދުގެ ވައިގެ ބަނދަރު ކައިރީގައި ހުންނަ ބީޖޭ މެޑިކަލް ކޮލެޖުގެ ދަރިވަރުން ތިބޭ ހޮސްޓެލްގެ ބަޔަކަށެވެ. އެތަނުގައި ތިބި ގިނަ އަދަދެއްގެ ދަރިވަރުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.
ވެއްޓުނު މަތިންދާބޯޓަކީ ބޯއިންގ 787-800 ޑްރީމްލައިނަރ މަރުކާގެ ޒަމާނީ އުޅަނދެކެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ބުނަން އަދި ނޭނގޭކަމަށް ކަމާގުޅޭ އިދާރާތަކުން ވަނީ ބުނެފައެވެ.
އިންޑިޔާގައި އެންމެ ފަހުން ފަސިންޖަރުން އުފުލާ މަތިންދާބޯޓެއް ވެއްޓިފައި ވަނީ 2020 ވަނަ އަހަރުއެވެ. އެ ފަހަރު ވެއްޓިފައި ވަނީ އެއަރ އިންޑިޔާ އެކްސްޕްރެސްގެ މަތިންދާބޯޓެކެވެ. އެއީ އެއަރ އިންޑިޔާގެ ބަޖެޓު އެއަރލައިނެވެ. އިންޑިޔާގެ ކެރަލާގެ ކާރީޕޫރަށް އެ މަތިންދާބޯޓު ވެއްޓި 21 މީހުން މަރުވިއެވެ.
ކުރިން އިންޑިޔާގެ ސަރުކާރުން ހިންގި އެއަރ އިންޑިޔާ 2022 ވަނަ އަހަރުން ފެށިގެން ހިންގަނީ އިންޑިޔާގެ މަޝްހޫރު ޓާޓާ ކުންފުނިންނެވެ. އަދި އެއަރ އިންޑިޔާއާއި ވިސްޓާރާ އެއްކޮށްލުމަށް ފަހު 2024 ވަނަ އަހަރުން ފެށިގެން ޓާޓާ ކުންފުނިން އެ އެއަރލައިން ހިންގަނީ ސިންގަޕޫރު އެއަރލައިންސާ ގުޅިގެންނެވެ.