ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކާ ގުޅިގެން އަމިއްލަ ވަޒަން ދޫކޮށް އެހެން ސަރަޙައްދުތަކަށް ބަދަލުވުމަށް މަޖުބޫރުވެ، ގެދޮރު ނެތިފައިވާ މީހުންގެ އަދަދު 122 މިިލިޔަނަށް އުފުލިފައިވާ ކަން އެކުވެރި ދައުލަތްތައް (އދ)ން ހާމަކޮށްފިއެވެ. މި ކަން ހާމަ ކޮށްފައި ވަނީ ރެފިއުޖީންނާ ބެހޭ އދގެ ހައި ކޮނިޝަނަރު ފިލީޕޯ ގްރާންދީ ނެރުއްވި ރިޕޯޓެއްގައެވެ.
ރެފިއުޖީންނާ ބެހޭ އދގެ ހައި ކޮމިޝަނަރުގެ އޮފީސް (ޔޫއެންއެޗްސީއާރު)ން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަތަކުގެ ސަބަބުން ގެދޮރު ނެތިފައިވާ މީހުންގެ އަދަދު 122 މިލިޔަނަށް އުފުލިފައިވާއިރު، އެ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ވެސް މަޑުޖެހެމުންދާ ކަމުގައެވެ. އަދި، 2015ވަނަ އަހަރަށް ފަހު، އެހީދޭ ޤައުމުތަކާއި އިދާރާތަކުން ރެފިއުޖީންނަށް ފޯރުކޮށްދޭ އެހީގެ މިންވަރު އެތަކެއް ގުނައަކުން ދަށްވެފައިވާ ކަމުގައެވެ.
ބައެއް ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތައް އެތަކެއް އަހަރަކަށް ދިގުލައިގެން ގޮސްފައިވާ ކަން ގްރާންދީގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. މި ގޮތުން، ސޫދާންގެ އަހުލީހަނގުރާމައާއި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ގެދޮރު ގެއްލިފައިވާ އެތަކެއް މިލިޔަން މީހުންނެއްގެ ހާލަތު އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. މީގެ އިތުރުން މިޔަންމާގެ އަސްކަރީ ސަރުކާރުން އެ ޤައުމުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ގެދޮރު ނެތި، ރެފިއުޖީންނަށް ވެފައިވާ ކަން ވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އަދި، އެ ހަމަނުޖެހުންތައް ހުއްޓުވަން ބައިނަލްއަޤްވާމީ މުޖުތަމަޢު ފޭލުވެފައިވާ ކަމުގައި ޔޫއެންއެޗްސީއާރްގެ ރިޕޯޓުގައި ބުނެފައިވެއެވެ.
"އަޅުގަނޑުމެން ދިރިއުޅެމުން މި ދަނީ ބައިނަލްއަޤްވާމީ ގުޅުންތައް ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ވަގުތެއްގައި، އަދި ޒަމާނީ ހަނގުރާމައިގެ ސަބަބުން އިންސާނުންނަށް ކުރިމަތިވަމުންދާ އަނިޔާވެރިކަމުގެ ހާލަތު އެތަކެއް ގުނައަކަށް ބިރުވެރިވެފައިވާ ވަގުތެއްގައި،" ޔޫއެންއެޗްސީއާރުގެ ރިޕޯޓާ އެކު ނެރުުއްވި ބަޔާނެއްގައި ގްރާންދީ ވިދާޅުވިއެވެ. ޔޫއެންއެޗްސީއާރުން ބުނީ، 2015ވަނަ އަހަރާއި 2025 އޭޕްރީލާ ދެމެދު ދުނިޔޭގެ ފަގީރުންގެ އަދަދު ދެގުނައަށް އިތުރުވެފައިވާ ކަމުގައެވެ. ނަމަވެސް، އެ މީހުންނަށް ފޯރުކޮށްދެމުންދާ އެހީގެ މިންވަރު 2015ވަނަ އަހަރުގެ އަދަދުތަކާ އެއްހަމައަކަށް ވެއްޓިފައިވާ ކަމުގައެވެ.
ރެފިއުޖީންނަށް ފޯރުކޮށްދޭ އެހީގެ މިންވަރު މަދުވުމާ އެކު ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހިފައިވާ ކަމުގައި ޔޫއެންއެޗްސީއާރުން ބުންޏެވެ. އަދި، ގިނަ އަދަދެއްގެ ރެފިއުޖީންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގެ އިންޒާރު އެ ޖަމުޢިއްޔާއިން ކުރިއެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތައް ހުއްޓުވުމަށް ބޭނުންވާ ސިޔާސީ ހިތްވަރު، ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ ކިބައިގައި ނެތް ކަމުގައެވެ. އަދި، އެ ކަމުގެ ސަބަބުން ހަނގުރާމަތައް ދިގުދެމިގެން ގޮސްފައިވާއިރު، ހާލުގައި ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމުޢިއްޔާތަކަށް ބުރަ ބޮޑުވެގެން ގޮސްފައިވާ ކަމުގައެވެ.
ޔޫއެންއެޗްސީއަށް މީގެ ކުރިން އެންމެ ބޮޑަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ގޮސްފައި ވަނީ އެމެރިކާއިންނެވެ. ނަމަވެސް، އެ އިދާރާއިން ފޯރުކޮށްދެމުންދާ މާލީ އެހީތެރިކަން ދަށްކޮށްފައިވުމާ އެކު އެތަކެއް މިލިޔަން ރެފިއުޖީންނެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގައި އެ ޖަމުޢިއްޔާއިން ބުންޏެވެ. އަދި، ރެފިއުޖީންގެ ތެރޭގައި ހިމެނޭ ގިނަ އަދަދެއްގެ އަންހެނުންނާއި އަންހެން ކުދިން ޖިންސީ އަނިޔާއަށް ހުށަހެޅިފައިވާ ކަމުގައި ވެސް އެ އިދާރާއިން އިންޒާރު ކުރިއެވެ.
ޔޫއެންއެޗްސީއާރަށް މާލީ އެހީތެރިކަން ކަނޑައިލާފައި ވަނީ، ނުވަތަ މަދު ކޮށްފައި ވަނީ ކޮން ޤައުމުތަކަކުން އަދި ޖަމުޢިއްޔާތަކަކުން ކަން އެ ޖަމުޢިއްޔާއިން ސާފުކޮށްދީފައެއް ނެތެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބޭރުގެ އެހީތައް ކަނޑައިލައްވާފައެވެ. އަދި، އިނގިރޭސިވިލާތާއި ވިލާތުގެ ގިނަ ޤައުމުތަކުން ވެސް ވަނީ އިންސާނިއްޔަތަށް ޓަކައި ކުރާ ޚަރަދުތަކާއި އެހީ ދިނުން ކުޑަ ކުރުމަށް ފަހު، ދިފާޢީ ދާއިރާއިން ޚަރަދު ކުރާ މިންވަރު އިތުރު ކޮށްފައެވެ.