ޚަބަރު

އެއަރ އިންޑިއާ ފްލައިޓު ވެއްޓުނު ޙާދިސާއާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ހަމްދަރުދީ ފާޅުކޮށްފި


  • ފްލައިޓު ވެއްޓިފައިވަނީ އިންޑިޔާގެ ހުޅަނގު ގުޖްރާތު ސްޓޭޓްގެ އަޙްމަދްއާބާދް ކައިރިއަށް

އެއަރ އިންޑިއާގެ ފްލައިޓު ވެއްޓުމުގެ ހިތާމަވެރި ހާދިސާއައި ގުޅިގެން ހަމްދަރުދީފާޅުކޮށް، މި އުނދަގޫ ދަނޑިވަޅުގައި އިންޑިއާ ސަރުކާރާއި ރައްޔިތުންނާއެކު ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އެއަރ އިންޑިޔާގެ މަތިންދާބޯޓު، އޭއައި 171 ފްލައިޓު އިންޑިޔާގެ ހުޅަނގު ގުޖްރާތު ސްޓޭޓްގެ އަޙްމަދްއާބާދް ކައިރިއަށް ވަނީ ވެއްޓިފައިފައެވެ. އަޙްމަދުއާބާދް ވައިގެ ބަނދަރު ކައިރީގައި އޮންނަ މޭގާނީނަގަރް ކިޔާ ސަރަޙައްދަކަށް މަތިންދާބޯޓު ވެއްޓިފައި ވަނީ، އަޙްމަދްއާބާދުގެ ވައިގެ ބަނދަރުން އުދުއްސައިލިތާ ކުޑަ ވަގުތު ކޮޅެއް ފަހުންނެވެ. މިއީ 242 މީހުންނާއެކު ދަތުރުކުރަމުންދިޔަ ފްލައިޓެކެވެ.

އެއަރ އިންޑިއާ ފްލައިޓު ވެއްޓުމާއި ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހާދިސާ ހިނގުމާއި ގުޅިގެން ހަމްދަރުދީ ފާޅުކުރައްވާފައެވެ. އަދި މި އުނދަގޫ ދަނޑިވަޅުގައި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނާއެކު ހުންނެވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


މި ޙާދިސާއާގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ސޯޝަލް މީޑިއާގައި ހަމްދަރުދީގެ މެސެޖެއް ޕޯސްޓްކުރައްވާފައެވެ. ނައިބު ރައީސްގެ ޕޯސްޓުގައި މި ހިތާމަވެރި ހާދިސާގައި ނިޔާވި ފަސިންޖަރުންގެ ޢާއިލާތަކަށާއި ހާލުގައި ޖެހުނު އެންމެހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.


ވެއްޓުނު މަތިންދާބޯޓަކީ ބޯއިންގ 787-800 ޑްރީމްލައިނަރ މަރުކާގެ ޒަމާނީ އުޅަނދެކެވެ. އެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ގުޖްރާތުގެ ވައިގެ ސަރަޙައްދު ބަންދުކޮށް އަޙްމަދުއާބާދް ވައިގެ ބަނދަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލިއެވެ.