ކަނޑުފަޅުގެ ދިރުންތަކާއި މާހައުލު ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެފަދަ އިންވެސްޓްމަންޓްތައް އިތުރުކުރަންޖެހޭކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އދ. ގެ އޯޝަން ކޮންފަރެންސްގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވަނީ ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކާއި މާހައުލުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވާފައެވެ. އަދި ރާއްޖެއިން ވިލުންވެރި ކަނޑުގެ މާހައުލެއް ޤާއިމްކުރަން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.
ޕްރޮފެޝަނަލް އަދި އަމިއްލަ ތަޖުރިބާއިން ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވަނީ މުޅި ދުނިޔެއަށް ރާއްޖޭގެ ދެމިއޮތުމާއި އަދި ދިވެހިންގެ ދިރިއުޅުމާއި ކަނޑުފަޅުގެ ދިރުންތަކުގެ މުހިންމުކަން ހަނދާންކޮށްދެއްވާފައެވެ. ވަޒީރު ޝިޔާމް ވަނީ ރާއްޖެއިން ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށާއި މުރަކަ އާލާކޮށް ދިރުވުމަށް ރާއްޖެއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. ވަޒީރު ޝިޔާމް ވިދާޅުވީ މި ދާއިރާއިން ރާއްޖެއިން މުޅި ދުނިޔެއަށްވެސް މިސާލު ދައްކަމުންދާކަމަށެވެ. ނަމަވެސް މިއީ ރާއްޖެއިން އެކަނި ކުރެވޭނެކަމެއް ނޫންކަމަށާއި މިކަމުގައި އެހެން ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށެވެ.
ވަޒީރު ވަނީ ކަނޑުފަޅުގެ ދިރުންތަކާއި މާހައުލު ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެފަދަ އިންވެސްޓްމަންޓްތައް އިތުރުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.
އދ. ގެ އޯޝަން ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ވަޒީރު ޝިޔާމް ވަނީ ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވާ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އަދިވެސް މާލީ އެހީތެރިކަން ހޯދުމުގައި ގޮންޖެހުންތައް ހުންނަ ކަމަށާއި އެފަދަ ޤައުމުތަކަށް އަތްފޯރާ ފަށުގައި މާލީއެހީތެރިކަން ފޯރުކޮށްދިނުމަށް ތަރައްގީވެފައިވާ ޤައުމުތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށް ވިދާޅުވެފައެވެ.