ޚަބަރު

އިތުރު ދެ އަސީރުންގެ ހަށިގަނޑު ހޯދާފައިވާ ކަމަށް ޔަހޫދީން ބުނެފި


ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ގެންގޮސްފައިވާ ޔަހޫދީ އަސީރުންގެ ތެރޭގައި ހިމެނޭ ދެ މީހެއްގެ ހަށިގަނޑު ޔަހޫދީ އަސްކަރިއްޔާއާއި ޖާސޫސީ އިދާރާތަކުން ހޯދާފައިވާ ކަމަށް އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިޢުލާނު ކޮށްފިއެވެ.

ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކަށް ކެތް ނުކުރެވިގެން ޙަމާސުން ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ދިން ޖިހާދީ ޙަމަލާއެއްގައި ޔަހޫދީންގެ 251 މީހުން އަސީރުންގެ ގޮތުގައި ގެންގޮސްފައެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު މީގެ ކުރިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޙަމާސުން ވަނީ ގިނަ ޢަދަދެއްގެ އަސީރުން މިނިވަން ކޮށްފައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން މިހާތަނަށް 199 މީހުން މިނިވަން ކޮށްފައިވާއިރު، އޭގެ ތެރެއިން 148 މީހުން މިނިވަން ކޮށްފައި ވަނީ ދިރިތިއްބައެވެ. އެ ޖަމާޢަތުގެ ބެލުމުގައި ދަށުގައި އަދިވެސް 55 އަސީރުން ތިބި ކަމަށް ބެލެވޭއިރު، މި ވަގުތު އޭގެ ތެރެއިން ދިރިތިބީ 20 ވަރަކަށް މީހުން ކަމަށް ޤަބޫލު ކުރެވެއެވެ. ޙަމާސުން ބުނީ، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ގިނަ އަދަދެއްގެ އަސީރުންތަކެއް މަރުވެފައި ވަނީ ޔަހޫދީ ފައުޖުން މެދުކެނޑުމެއް ނެތި ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ކަމުގައެވެ.

ނަތަންޔާހޫ ނެރުނު ބަޔާނެއްގައި ބުނީ ޔަހޫދީ އަސްަކަރިއްޔާއިން ޔައިރު ޔާކޮވް ކިޔާ މީހެއްގެ ހަށިގަނޑު ޣައްޒާއިން ހޯދާފައިވާ ކަމަށެވެ. ޙަމާސުން މީގެ ކުރިން މިނިވަން ކޮށްފައިވާ މީހުންގެ ތެރޭގައި ޔައިރު ޔާކޮވްގެ އަންހެނުންނާއި އެ ދެމަފިރިންގެ ދެ ދަރިން ހިމެނެއެވެ.

އޭގެ އިތުރުން އަދި އިތުރު އެއް އަސީރުގެ ހަށިގަނޑު ހޯދާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވާ ނަމަވެސް އެނާގެ ނަން އާންމު ކޮށްފައެެއް ނުވެއެވެ. ދެ މީހުންގެ ހަށިގަނޑު ވެސް ފެނިފައި ވަނީ ޣައްޒާގެ ދެކުނުގެ ސަރަޙައްދެއް ކަމަށްވާ ޚާން ޔޫނިސުން ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ބުނެފައިވެއެވެ. އެއާއެކު ޙަމާސްގެ ބެލުމުގެ ދަށުަގައި މިހާރު ތިބީ 53 އަސީރުން ކަމަށް ޔަހޫދީން ޤަބޫލު ކުރެއެވެ.

އެންމެ ފަހުން ހޯދި ދެ ހަށިގަނޑު ހިމެނޭ ގޮތަށް މި މަހުގެ ތެރޭގައި ޔަހޫދީން ވަނީ ޖުމްލަ ފަސް އަސީރެއްގެ ހަށިތައް ހޯދައިފައެވެ.

ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން ޙަމާސް ޖަމާޢަތުން ޔަހޫދީންނަށް އަމާޒު ކޮށް ދިން ޖިހާދީ ޙަމަލާއާ ގުޅިގެން، އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. މިހާރު ދެމުންދާ ޙަމަލާތައް ވަކިން ވަރުގަދަ ކަމަށް ޣައްޒާގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީން ވަނީ ޣައްޒާގެ 60 ރައްޔިތުން ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރެެއިން ގިނަ ޢަދަދެއްގެ މީހުން ޝަހީދު ކޮށްލާފައި ވަނީ ކާބޯތަކެއްޗާއި އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ކުރުމަށް ޔަހޫދީން ޙަވާލު ކޮށްފައިވާ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއާ ގުޅުންހުރި ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް)ން އެހީގެ ސާމާނު ބަހާ މަރުކަމެއް ކައިރިންނެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ޖީއެޗްއެފުން ޣައްޒާގައި މަސައްކަތް ފެށި ފަހުން، ޣައްޒާގެ ގޮތް ހުސްވެފައިވާ ރައްޔިތުންނަށް އަމާޒު ކޮށް މި ފަދަ ގިނަ ޙަމަލާތަކެއް ޖީއެޗްއެފްގެ މަރުކަޒުތައް ކަރިއިން ދަނީ ދެމުންނެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ޖީއެޗްއެފްގެ މަރުކަޒުތައް ހުރި ސަރަޙައްދުތަކުން 163 މީހުން މިހާތަނަށް ޝަހީދު ކޮށްލާފައިވާ ކަމަށާއި 1،000އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވާ ކަމަށެވެ.

ޣައްޒާގެ ޝިފާ އަދު އަލް-ޤުދްސް ހަސްފަތާލުގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިން ބުނީ ނަތުރާޒީމު ކައިރީގައި ޤާއިމު ކޮށްފައިވާ އެހީގެ ސާމާނު ބަހާ މަރުކަޒެއް ކައިރިން ފަތިހުގެ ވަގުތެއްގައި ދިން ޙަމަލާތަކެއްގައި 25 މީހުން ޝަހީދުވެ ގިނަ ޢަދަދެއްގެ މީހުންނަށް ޒަޚަމްވެފައިވާ ކަމަށެވެ. އޭގެ އިތުރުން ރަފަޙްގައި ހުރި މަރުކަޒެއް ކައިރިން ވެެސް 14 މީހުން ޝަހީދު ކޮށްލާފައިވެއެވެ. އޭގެ އިތުރުން، ޣައްޒާގެ އެހެން ސަރަޙައްދެއްގައި ވެސް ޔަހޫދީން ދިން ޙަމަލާތަކެއްގައި 11 މީހުން ޝަހީދު ވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

އދން ވަނީ އެހީގެ ސާމާނު ބަހާ މަރުކަޒުތައް ކައިރިން ޣައްޒާގެ ރައްޔިތުންނަށް ޙަމަލާދީ ޝަހީދު ކޮށްލުން ކުށްވެރި ކޮށްފައެވެ. ޖީއެޗްްއެފަކީ ވަކި ކޮޅަކަށް ނުޖެހޭ، މިނިވަން ޖަމްޢިއްޔާއެއް ކަމަށް އދއަށް ޤަބޫލު ނުކުރެވޭތީ އެ ޖަމާޢަތް މެދުވެރި ކޮށް އެހީގެ ސާމާނު ބެހުމަށް އދން ވަނީ ދެކޮޅު ހަދާފައެވެ.

ޔަހޫދީން ފަލަސްޠީނަށް ޢުދުވާނީ ޙަމަލާތައް ދީ އެ ސަހަރުގެ ރައްޔިތުން ބަނޑަށް ޖައްސަައި، ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ކުރަމުން ދާތީ ބައިނަލްއަޤްވާމީ ދުނިޔެއިން ދަނީ އިސްރާއީލަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. ނަމަވެސް ޔަހޫދީން އަދިވެސް ދަނީ ޣައްޒާގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ޙަމަލާ ދެމުންނެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 55،000އަށް އުފުލިފައިވާއިރު، އިތުރު 124،191 މީހުންނަށް ވަނީ ޒަޚަމު ވެފައެވެ. މީގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ.