ޚަބަރު

ޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުން އަންނަ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު


  • މާލޭގެ އިތުރުން އަތޮޅުތެރޭގެވެސް ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ކަށުނަމާދު ކުރެވޭނެ

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދުގެ މައްޗަށް ޣައިބަށްކުރެވޭ ކަށުނަމާދު އަންނަ ހުކުރު ދުވަހު ކުރާގޮތަށް ހަމަޖައްސައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޝައިޚު ފަރީދުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މިމަހުގެ 13 ވާ ހުކުރު ދުވަހު މާލޭގެ އިތުރުން އަތޮޅުތެރޭގެވެސް ހުކުރު ކުރާ ކޮންމެ މިސްކިތެއްގައިވެސް އޮންނާނެކަމަށެވެ. އެހެންކަމުން ރަށްރަށު ކައުންސިލްތަކާއި އިމާމުން މިކަމަށް ސަމާލުވެލެއްވުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.

ވަޒީރު ވިދާޅުވީ، މަރުޙޫމް ޝައިޚް ފަރީދަކީ ދަޢުވަތުގެ މައިދާނުގައި ދިވެހިރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ އަގުހުރި ދިވެހި ޢީލްމީ ދަރިއެކެވެ.

ޝައިޚް ފަރީދުއަކީ ދިވެހި ރައްޔިތުން ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަކޮށް އިސްލާމްދީނާއި ކީރިތި ރަސޫލާގެ ސުންނަތަށް މީހުންގެ ހޭލުންތެރިކުރުމަށް ތަފާތު ގިނަ ގުނަ ދަރުސްތަކެއް ޝައިޚް ވަނީ ދެއްވާފައެވެ. އެގޮތުން ޝައިޚް ފަރީދުގެ ދަރުސްތަކާއި ހޭލުންތެރިކުރުމުގެ ހަރަކާތްތަކަކީ އެތައް ބައެއްގެ ސަމާލުކަން ލިބުނު އަދި އެދަރުސްތައް ގިނަ ބަޔަކު އަޑުއަހައި އެއަށް އަމަލުކުރި ދަރުސްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޝައިޚް ފަރީދު އަވަހާރަވީ ދީނީ ދަޢުވަތުގެ މަސައްކަތެއްގައިި މެލޭޝިއާއަށް ވަޑައިގެން ކުއަލަލަންޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ.