ޚަބަރު

ލިއޯންގެ ހަޔާން ޗެކީ މެންޗެސްޓަރ ސިޓީއަށް


ފްރާންސްގެ ލިއޯން އަށް ކުޅެމުންދިޔަ ޒުވާން މިޑްފީލްޑަރ ހަޔާން ޗެކީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ސިޓީއަށް ބަދަލުވެއްޖެ އެވެ.

ލިއޯން އާއިއެކު މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ އުމުރުން 21 އަހަރުގެ މިޑްފީލްޑަރ ޗެކީ ސިޓީ އާއި ގުޅިފައިވާ އަގު ރަސްމީކޮށް އާންމުކޮށްފައިނުވި ނަމަވެސް މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ސިޓީއިން ވަނީ 30.45 މިލިއަން ޕައުންޑުގެ ފީއަކަށެވެ.

ސިޓީ އާއި ގުޅުމަށްފަހު ޗެކީ ބުނެފައިވަނީ ސިޓީ ކަހަލު ވަރުގަދަ ބޮޑު ކްލަބާއި ގުޅުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށާއި މިކަން ހަގީގަތަކަށް ވުމުން ވަރަށް ބޮޑަށް އުފާ ކުރާ ކަމަށެވެ.

"ސިޓީ ކަހަލަ ވަރުގަދަ ބޮޑު ކްލަބަކަށް ކުޅުމަކީ އަހަރެން ދެކެމުން އައި ހުވަފެނެއް. އަދި އެކަން ހަގީގަތަކަށް ވުމުން ވަރަށް ބޮޑަށް އުފާ ކުރަން އަދި މިއީ ވަރަށް ހާއްސަ ވަގުތެއް." ސިޓީއަށް ސޮއި ކުރުމަށްފަހު ޗެކީ ބުންޏެވެ.

ލިއޯން އަށް 200 މެޗު ކުޅެދީފައިވާ ޗެކީ ވަނީ ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުގައި ލަނޑެއް ޖަހާފަ އެވެ.

ޗެކީ ސިޓީ އާއި ގުޅިފައިވާއިރު މިއީ ފާއިތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ސިޓީ އާއި ގުޅުނު ތިންވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ސިޓީ އިން ވަނީ އަލްޖީރިއާގެ ރަޔާން އައިތް ނޫރީގެ އިތުރުން ޗެލްސީގެ ގޯލުކީޕަރު މާކަސް ބެޓީނޭލީ އެ ޓީމަށް ގެންގޮސްފަ އެވެ.

މި މަހުގެ 14 ވަނަ ދުވަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑް ކަޕަށް ދިއުމުގެ ކުރިން މެންޗެސްޓަރ ސިޓީ އިން ދަނީ އެ ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.