ޚަބަރު

ވޮލީގެ ޝެޑިއުލަށް ބަދަލުގެނައީ ވީއޭއެމްއިން އެދުނު ގޮތަށް: ވަޒީރު


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޝެޑިއުލަށް ބަދަލުގެނައީ މަޝްވަރާކުރެވިގެން ވީީއޭއެމްއިން އެދުނު ގޮތަށް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުالله ރާފިއު ވިދާޅުވެއްޖެއެވެ.

ފަހަކަށްއައިސް ވޮލީ މުބާރާތްތަކާއި ދިމާކޮށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓު އެކި ބޭނުންތަކަށް ނަގާކަމަށް ފާހަގަކޮށް ވީއޭއެމްގެ އިސްވެރިއަކު ސޯޝަލްމީޑީއާގައި ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައަށް އިޝާރާތް ކުރައްވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ މުބާރާތް ލަސްވެގެން އިތުރަށް ހިންގާ ހަރަދަކީ މިނިސްޓްރީންވެސް ހަމަޖައްސައިދޭ ހަރަދެއް ކަމަށެވެ. އަދި އާންމުންގެ ބައެއް ފަރާތްތަކަށް މި މައުލޫމާތު ނުލިބިއޮވެދާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވަން އޮތީ މިކަމަކީ ވީއޭއެމްގެ ރައީސް އާއި މިނިސްޓްރީ އާއި ދޭތެރޭގައި ވާހަކަ ދެކެވިގެން އިންޕޯމްޑް ޑިޒިޝަނެކޭ ނެގިފައި މިއޮތީ. މީގަ އިތުރު އިޝޫތަކެއް، އެހާ ބޮޑު ކޮންސާންތަކެއް ވޮލީއަށް ގެއްލުންވާ ކަމެކޭ އެހެން ދެންނެވީމަ އަޅުގަނޑަށް ހީވަނީ އެ އިބާރާތް އެހާ ރަނގަޅެއް ނޫންހެން. ސަބަބަކީ ލަސްވެގެން އެއަންނަ ހަތަރު ދުވަހުގެ އެކަން ކުރެވޭނެ ގޮތަށް ހަމަޖެހިގެން ގެންދެވޭނެތީވެ" ވަޒީރު ވިދާޅުވިއެވެ.

ވީއޭއެމްގެ ފިރިހެން ޑިވިޝަނުގެ ވޮލީ ސީޒަން ފަސްކުރަންޖެހިފައިވާއިރު ކުރިން ތާވަލުކޮށްފައި އޮތީ ޖޫން 9 ގައި މުބާރާތް ކުޅުމަށެވެ. އެހެންނަމަވެސް ބައިނަލްއަގްވާމީ ބާސްކެޓް މުބާރާތެއް ބާއްވަން ޖެހޭތީ މިމަހުގެ 19 އަށް ވޮލީ މުބާރާތް ވަނީ ފަސްކޮށްފައެވެ.

އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ އިވެންޓަކާއި ގުޅިގެން އަނެއްކާވެސް ފިރިހެން ޑިވޝަނުގެ ވޮލީ މުބާރާތް ފެށުން މި ވަނީ ޖޫން 24 އަށް ލަސްކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ ވީއޭއެމްގެ ރައީސް އާއި އެކު ފުރަތަމަ ވާހަކަ ދެކެވުނީ މިމުބާރާތް ފަށަން އޮތް ދުވަހު ފެށުމަށްފަހު މެދުކަނޑާލާފައި އަލުން ކުރިޔަށް ގެންދިއުމަށް ކަމަށެވެ.

"ދެން އެގޮތަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް އެބޭފުޅުން ވިދާޅުވީ 24 ގައި މުބާރާތް ފަށަން، ދެން އެހެންނަމަވެސް ފަހުން 22، 23 ވަރަށް ބޭނުންވެއޭ ބުނި. އެދުވަސްތައް އިނީ ފަންކްޝަނަކަށް ނަގާފަ. އެހެންނަމަވެސް އެ ދެދުވަސްވެސް ވީއޭއެމް ރައީސްގެ އެދުމަކަށް އަޅުގަނޑުމެން ވާނީ ހަމަޖައްސާދީފަ. އެއީ ފަހަތަށް ދެ ދުވަސް ވަންނާނެތީ ދެން މި ގޮތަށް ވާހަކަ ދައްކައިގެން ވަރަށް ރަނގަޅަށް ދާ ކަމެއް މީ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ވީއޭއެމްގެ ޝެޑިއުލަށް ބަދަލު ގެނެވުނީ، މުބާރާތްތަކަށް ގެންނަ ބޭރު ގައުމުތަކުގެ ކުޅުންތެރިންގެ ޓިކެޓް ގަތުމާއި އެކޮމޮޑޭޝަނާއި މިކަހަލަ ކަންތައްތައް ހުރީމަ އިތުރު ހަރަދެއް ހިނގާފާނެތީ އާއި ޓޯނަމަންޓް ޑިލޭވެގެން އެއަންނަ ކަމަކާހެދި އިތުރު ހަރަދެއް ހިނގާނަމަ އެކަންވެސް މިނިސްޓްރީން ހަމަޖައްސައިދޭ ގޮތަށްކަމަށެވެ.

"އާންމު އުސޫލުގެ މަތިން ވާހަކަދެކެވިގެން މިބަދަލު ޝެޑިއުލަށް މިގެނައީ. އެހެންވީމަ ކުރުކޮށް ދަންނަވާނަމަ ދަންނަވާނީ އޭގެ ބަދަލުގައި ފަހަތުން ޖުލައި މަހުން ދެދުވަހެއް ދީފަ އަދި އެ ލަސްވާ ލަސްވުމަށް އެ އަރާ ކޮސްޓް މިނިސްޓްރީންވެސް ބެއާ ކުރާ ގޮތަށް މިއޮތީ. އަދި އެނޫނަސް މި ބާއްވާ މުބާރާތަކީވެސް އަދި އެއީ ގައުމީ މުބާރާތްވިޔަސް ކާވާ މުބާރާތެއްވިޔަސް މިނިސްޓްރީން ފަންޑު ދީގެން ކުރިޔަށް ގެންދާ މުބާރާތްތަކެއް. ކޮސްޓަށް އެއަންނަ ބަދަލެއް މިނިސްޓްރީންވެސް ބެއާ ކޮށްގެން ކުރިޔަށް ގެންދެވިފަ އޮތީ" ވަޒީރު ވިދާޅުވިއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލު ހޯދުމަށް އެސޯސިއޭޝަންތަކުން އެދޭ ގޮތަށް ހަމަޖައްސައިދޭ ކަމަށާއި، އެހެންނަމަވެސް އެހެން ހަފްލާއެއް އޮވެގެން މެދު ކެނޑޭނަމަ އެ މެދު ކެނޑޭ މުއްދަތަށް އެހެން ދުވަހެއް ހަމަޖައްސައިދޭގޮތަށް މީގެ ކުރިންވެސް އަމަލުކުރަމުން ގޮސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ފަހަރު ވޮލީބޯޅަ އެސޯސިއޭޝަނަށްވެސް ދިމާވީ މިގޮތަށް ކަމަށާއި، އެޑިއުކޭޝަންގެ ފަންކްޝަނެއް އޮތުމުން ވޯލީބޯޅަ އެސޯސިއޭޝަންގެ ޝެޑިއުލަށް ބަދަލު ގެންނަން ޖެހުނުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކުޅިވަރު ކުރެއެރުވެން އޮތީވެސް އެޑިއުކޭޝަން މިނިސްޓްރީއާއިވެސް ގުޅިގެން ކަމަށެވެ.