ޔޫރަޕުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް ކޭ ގައި ރޭ އެންޑޯރާއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން އިންގްލަންޑް މޮޅުވެއްޖެއެވެ.
މި މެޗުން އިންގްލަންޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕުގައި މިހާތަނަށް ކުޅުނު 3 މެޗުން 9 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް އަލްބޭނިއާ އަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.
ބާސެލޯނާ ގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ދުނިޔޭގެ ރޭންކިންގެ 173 ވަނައިގައި އޮތް އެންޑޯރާ އިން ވަނީ މި މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑްގެ ހުރިހާ ހަމަލައެއް ހުއްޓުވާފާ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ނޮނީ މަޑުއެކޭ ދިން ޕާހަކުން އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހެރީ ކޭން އެވެ.
އިންގްލަންޑްގެ ކޯޗު ތޯމަސް ޓުޗެލް ވަނީ މި މެޗަށް ވަރުގަދަ އެޓޭކިންގ ޓީމެއް ނެރެފަ އެވެ. ނަމަވެސް މި މެޗުގައި ޓުޗެލް ބޭނުންވިފަދަ ރަގަޅު ކުޅުމެއް ވަނީ ދެއްކޭގޮތް ނުވެފަ އެވެ.
އިންގްލަންޑްގެ ޖޫޑް ބެލިންހަމް އާއި މަޑުއޭކޭ ދުރުން ފޮނުވާލި ނުރައްކާތެރި ހަމަލަތަކެއް އެންޑޯރާގެ ގޯލުކީޕަރު އަލްވަރޭޒް ވަނީ ވަރަށް ހުށިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ.