ޚަބަރު

ސިންގަޕޫރު މެޗަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް: ނޫމާން


އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުތުމުގެ ކުރިން ސިންގަޕޫރާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރު އަޙްމަދު ނޫމާން (ހެލްމެޓް) ބުނެފިއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ރާއްޖެއިން ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނައިރު، މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ޑާވިންގެ ޓެރެޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގައެވެ. އެ މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސިންގަޕޫރާ ދެކޮޅަށް ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެ މެޗުން ސިންގަޕޫރު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

ޑާވިންގައި ކުރިއަށްގެންދިޔަ ފުރަތަމަ ފަރިތަކުރުންތަކަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ނޫމާން ބުނީ ޓީމުގެ ފަރިތަކުރުންތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި، ފެނިގެންދަނީ އެންމެން އެއްކޮށް މަސައްކަތް ކުރާތަން ކަމަށެވެ.

އަދި ޓިމޯ ލެސްޓޭ މެޗުގެ ކުރިން މެޗެއް ކުޅެލަން ލިބުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށްވެސް ވަނީ ބުނެފައެވެ. ނޫމާން ބުނީ ޕާސްކޮށްގެން ކުޅެން ގައުމީ ޓީމުން ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެއީ ޓީމަށް އައި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ޓިމޯ ލެސްޓޭ މެޗުގައި 100 އިންސައްތަ ދީފިނަމަ، އެ މެޗު ރާއްޖެއިން ކާމިޔާބުކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ހަ މެޗެއް ރާއްޖެއިން ކުޅޭއިރު، ފުރަތަމަ ތިން މެޗު ކުޅޭނީ ރަށުން ބޭރުގައެވެ. އެގޮތުން ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ފިލިޕީންސްއާ ދެކޮޅަށް ނުކުތްއިރު، އެ މެޗުން ރާއްޖެ ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.

ކޮލިފައިންގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނައިރު، އެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު ރާއްޖެ ގަޑިން ހެނދުނު 11:30 ގައެވެ.