ޚަބަރު

ކޮލިފައިންގެ ފުރަތަމަ މެޗުން އިޓަލީ ބަލިވެއްޖެ


އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގެ ކޮލިފައިންގައި ރޭ ނޯވޭ އާއި ދެކޮޅަށް އިޓަލީ ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން އިޓަލީ ބަލިވެއްޖެ އެވެ.

ރަށުން ބޭރުގައި ނޯވޭ އާއި ދެކޮޅަށް ކުޅުނު މެޗުން އިޓަލީ ބަލިވެފައިވާއިރު މިއީ ކޮލިފައިންގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ނަމަވެސް މިއީ ނޯވޭ ކުޅުނު ތިންވަނަ މެޗެވެ. އަދި މި ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ނޯވޭ އޮތީ ކޮލިފައިންގެ ގްރޫޕް އައިގެ އެއްވަނަ މަގާމުގަ އެވެ.

ދެވަނައިގައި އޮތް އިޒްރޭލަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު އެސްޓޯނިއާ އަށް ތިން މެޗުން ލިބިފައިވަނީ 3 ޕޮއިންޓެވެ. ހަތަރުވަނައިގައި އިޓަލީ އޮތްއިރު އެ ޓީމަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އިޓަލީ އިން މި މެޗު ކޮންޓްރޯލްކޮށް ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ނޯވޭ އިން ވަނީ ގިނަ ހަމަލަތަކެއް އުފައްދާފަ އެވެ.

ނޯވޭގެ އެޓޭކްތައް ވަރުގަދަ ވެފައިވާއިރު މެޗުގެ 14 ވަނަ މިނިޓުގައި އެލެކްޒެންޑަރ ސޯލޮތް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި މެޗުގެ 34 ވަނަ މިނިޓުގައި އެންޓޯނިއޯ ނޫސާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި ނޯވޭ އިން ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އާލިން ހާލަންޑް އެވެ.

އިޓަލީގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުން އެ ޓީމު ބަލިވެފައިވާއިރު ފާއިތުވެދިޔަ ދެ ވޯލްޑްކަޕަށް ވެސް އެ ގައުމު ކޮލިފައިވެފައެއް ނުވެއެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލޭޓީ ބުނެފައިވަނީ މި ޓީމަކީ އޭނާ ނަގާފައިވާ ޓީމެއް ކަމަށާއި އެހެންކަމުން އޭނާ މި ޓީމާއިއެކު ކުރިއަށްދާނެ ކަމަށެވެ. އަދި ރަގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަ ހުރި ކަމަށެވެ.

"މިއީ އަހަރެން ނެގި ޓީމެއް އެހެންކަމުން އަހަރެއް މި ޓީމާއިއެކު ކުރިއަށްދާނަން. އަހަރުމެން ރަގަޅު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި. އިދިކޮޅު ޓީމަށް އެހާ ފަސޭހައިން ބޯޅަ ދީ އެމީހުންނަށް އެޑްވާންޓޭޖް ލިބޭ ގޮތަށް ކަންތައް ކުރެވިގެން ނުވާނެ." ސްޕަލޭޓީ ބުންޏެވެ.

ކޮލިފައިންގައި އަންނަ ހޯމަ ދުވަހު އިޓަލީ ނިކުންނާނީ ގްރޫޕުގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތް މޮލްޑޯވާ އާއި ދެކޮޅަށެވެ.