މިހާރު ކުރަމުން އަންނަ މަސައްކަތްތަކުން 2027ވަނަ އަހަރާ ހަމައަށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިޔަން ޑޮލަރަށް ހެދުމުގެ އަމާޒު ހާސިލްވާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 5ވަނަ މާސްޓަޕްލޭންގެ އެންމެ މުހިންމު ސިޔާސަތަކީ 2027ވަނަ އަހަރާ ހަމައަށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިޔަން ޑޮލަރަށް ހެދުން ކަމަށެވެ. އެކަމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރެވެމުންދާކަަމަށެވެ. އެގޮތުން، ދަތުރުފަތުރުގެ ލުއިކަން ކަށަވަރު ކުރުމަށް ވައިގެ މަގުންނާއި ކަނޑުދަތުރުފަތުރުގެ ނިޒާމުވެސް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ 2027ވަނަ އަހަރަށް ސަރުކާރުން ބޭނުންވާ އަމާޒު މިހާރު ކުރެވެމުންދާ މަސައްކަތްތަކުން ހާސިލްވެގެންދާނެ ކަމަށެވެ. އަދި އެ އަމާޒު ހާސިލް ކުރެވުމުން ރާއްޖޭގެ އިޤްތިޞާދުގައި ބޭރު ފައިސާ އިތުރުވެ ރާއްޖޭގެ ތަރައްގީީގެ ދުވެލި އަވަސްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ދެން ޓޫރިޒަމްވެސް ފުޅާކުރެވިގެން އަންނާނީ އެއް ކަމަކީ ރާއްޖޭގެ މައި ދޮރާށި، އެއަރޕޯޓަށް އަންނަ ފަތުރުވެރިން އިތުރުކޮށްގެން އަދި އެއަރޕޯޓަށް ޖައްސާ މަތިންދާ ބޯޓުތައްވެސް އިތުރުކޮށްގެން. އެހެންވީމަ އެކަމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުން މިދަނީ." ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވީ މިއަހަރު 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށް ރާއްޖޭން އަމާޒު ހިފާފައިވާއިރު އެކަމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަަމަށެވެ. އަދި ހޮނިހިރު ދުވަހާ ހަމައަށް ރާއްޖެއަށް 1 މިލިޔަން ފަތުރުވެރިން އަންނާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ %80 އަކީ ގުދުރަތީ ރީތިކަން ދެކެން އަންނަ ފަތުރުވެރިންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ތިމާވެށި ރައްކާތެރިކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއް ކަމަށެވެ. އަދި ރާއްޖެ ތަރައްގީވަމުންދާއިރު ގުދުރަތީ މުއްސަނދިކަން ހަލާކުވިޔަ ނުދީ ދެމެހެއްޓެނިވި ތަރައްގީއެއް ގެންނަން ޖެހޭ ކަމަށްވެސް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ.