ޚަބަރު

އޯޝަންސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ޝިޔާމް ފްރާންސަށް


  • މިމަހުގެ 9 އިން 13 އަށް މި ބައްދަލުވުން ކުރިއަށްދާނީ ފްރާންސްގެ ނީސްގައި

ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ އެންމެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ފްރާންސަށް ފުރާވަޑައިގެންފިއެވެ.

މިމަހުގެ 9 އިން 13 އަށް މި ބައްދަލުވުން ކުރިއަށްދާނީ ފްރާންސްގެ ނީސްގައެވެ.

މި ކޮންފަރެންސް ހުޅުވާ ސެޝަނުގައި ރާއްޖޭގެ ފަރާތުން ވަޒީރު ޝިޔާމް ވާހަކަފުޅު ދައްކަވާނެއެވެ. ވަޒީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި ކުރާ ދެމެހެއްޓެނިވި މަސްވެރިކަން ފާހަގަކުރައްވައި، ރާއްޖެ ފަދަ ކުޑަ، ޖަޒީރާ ޤައުމަކުން ކަނޑުގެ ވެށި ހިމާޔަތްކޮށް، ބެލެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާނެއެވެ. އަދި މިފަދަ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތައްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރައްވާނެއެވެ.

މި ކޮންފަރެންސްގެ އެކި ސެޝަންތަކުގައި ރާއްޖެއިން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ އެންމެ މުހިންމު އެއް ނުކުތާއަކީ، ކަނޑުގެ ނާޒުކު ވެށި ރައްކާތެރިކުރުމާއެކު ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރާ ޤައުމުތަކުގެ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިގަތުމުގެ މުހިއްމުކަމާ ގުޅޭގޮތުންކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ވަކިން ޚާއްސަކޮށް ތިމާވެއްޓާއި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީގޮތުން ކަނޑައެޅޭ ފަންޑު އިތުރުކުރުމުގެ މުހިންމުކަމަށާއި، އަދި މިފަދަ ފަންޑުތައް މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމުގައި ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކާއި، ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް މިހާރުވެސް އަޅައި ތަންފީޒުކުރަމުންދާ ޤައުމުތަކަށް ޚާއްސަ އިމްތިޔާޒްތަކެއް އޮންނަ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަކާލާތުކުރައްވާނެއެވެ.

ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަކީ މުޅި ދުނިޔޭގައިވެސް ކުރެވޭ ތިމާވެއްޓާ އެންމެ ރައްޓެހި މަސްވެރިކަމަށް ވީއިރުވެސް، މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން ޓެރިފްގެ އެންމެ ބޮޑު ބުރައެއް އުފުލަންޖެހޭ އެއް ޤައުމަކީ ދިވެހިރާއްޖެކަން ފާހަގަކޮށް، އެކަމުގެ ސަބަބުން މަހުގެ ވިޔަފާރީގައި އެއްހަމައެއްގައި ވާދަކުރުމަށް ރާއްޖެއަށް ހުރި ގޮންޖެހުންތައް ބަޔާންކޮށްދެއްވާނެކަމަށް ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި މަހުގެ ބާވަތްތަކުގެ ޓެރިފް ކަނޑައެޅުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބާރުލިބޭ ގޮތަށް ޓެރިފް ކަނޑައެޅިގެން ދިއުމުގެ މުހިންމުކަން ބައިނަލްއަޤްވާމީ ފެންވަރުގައި، ސަމާލުކަމަށް ގެނައުމަށް ވަކާލާތު ކުރައްވާނެއެވެ.

ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖެއިން އިސްނަގައިގެން ޚާއްޞަ ސެޝަނެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މިސެޝަންގައި، ރާއްޖެ ފަދަ ޤައުމުތަކުގައި ކުރާ ކުދި ފަންތީގެ މަސްވެރިކަމަކީވެސް ރާވައި، ހިންގައި، ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީކުރެވޭ މަސްވެރިކަމެއްކަން ޔަޤީންކުރުމަށްޓަކައި ޤައުމީ ފެންވަރުގައާއި، ބައިނަލްއަޤްވާމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ދާއިރާގެ ފަންނީ ބޭފުޅުންގެ ހުށަހެޅުންތަކާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ޚިޔާލުބަދަލުކުރެވިގެން ދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.