ކުޅިވަރު

މޮޑްރިޗް އޭސީ މިލާނަށް، ޑި ބްރޭނާ ނާޕޮލީއަށް


ތަޖުރިބާކާރު އަދި މޮޅު ދެ މިޑްފީލްޑަރުން އަންނަ ސީޒަނުގައި އިޓަލީގެ ލީގުގައި ކުޅެން ތައްޔާރުވާން ފަށައިފިއެވެ.

މި ގޮތުން 13 އަހަރަށް ފަހު ރެއާލް މެޑްރިޑުން ވަކިވި ލޫކާ މޮޑްރިޗް ފެނުން ގާތީ އިޓަލީގެ އޭސީ މިލާނުންނެވެ. އެ ކުލަބުން އޭނާ އަށް ދޭން ހުށަހަޅަނީ 3.5 މިލިއަން ޔޫރޯގެ މުސާރައެކެވެ. އެއީ އެއް އަހަރު ދުވަހާއި ދެ ފަރާތުން ބޭނުންވެއްޖެނަމަ ކޮންޓްރެކްޓް 2027 އަށް އިތުރު ކުރެވޭ ގޮތަށެވެ.

މޮޑްރިޗް ރެއާލްއިން ވަކިވާން ނިންމީ އޭނާ އުމުރު 40 އަށް އެރުމުން ރެއާލް މެޑްރިޑުން ކޮންޓްރެކްޓް އާ ކުރަން ބޭނުން ނުވުމުންނެވެ. ނަމަވެސް އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މޮޗްރިޗް ކުޅެން ބޭނުންވެ އެވެ. މިހެންވެ ޔޫރަޕުގެ އެންމެ މަތީ ލެވެލްގައި އަދި އެއް އަހަރު ބޯޅަ ކުޅެން އޭނާ ބޭނުންވެ އެވެ.

މެންޗެސްޓާ ސިޓީގެ ކެޕްޓަން ކެވިން ޑި ބްރޭނާ އަކީ އިނގިރޭސި ލީގުން މިދިޔަ 10 އަހަރު ފެނުނު އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ ސިޓީ ދޫކޮށްލަން ނިންމީ އެ ކުލަބުން އަލުން ބިނާ ކުރުމަށް ޒުވާން ކުޅުންތެރިންނަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން ސިޓީން އޭނާގެ ކޮންޓްރެކްޓް އާ ނުކުރުމުންނެވެ.

ޑި ބްރޭނާ ލައްވައި ކުޅުވަން އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅު ކުރަމުން ދަނީ އިޓަލީގެ ޗެމްޕިއަން ނަޕޯލީ އެވެ. އެ ކުލަބުން އޭނާ އަށް ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހުށަހަޅާނެ އެވެ. ނަމަވެސް އިނގިރޭސި ގަދަ ޓީމަކުން ފުރުސަތު ލިބިއްޖެނަމަ ޑި ބްރޭނާ އިޓަލީ އަށް ނުގޮސް މަޑުކުރުން ގާތީ އިނގިރޭސި ވިލާތުގަ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޭނާ އަށް އިނގިރޭސި ޗެމްޕިއަން ލިވަޕޫލުން ޝައުގުވެރިވެ އެވެ.