މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮޖެކްޓުތަކަށް މިދިޔަ އަހަރު 11 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އެމްޓީސީސީން ވަނީ 2024ވަނަ އަހަރު އެކުންފުނީގެ އޮޑިޓް ރިޕޯޓް އާންމުކޮށްފައެވެ.
ކޮންމެ އަހަރަކުވެސް އެމްޓީސީސީން ދަނީ މުޖުތަޢުގެ ތަރައްޤީއަށާއި، ރާއްޖެއަށް ބޭނުންވާ ތަފާތު ގިނަ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ އަހަރުވެސްވަނީ ދަތުރުފަތުރުގެ ޚިދުމަތްތަކާއި، އުމްރާނީ ތަރައްޤީއާ ގުޅުންހުރި ކަންކަމާއި، ސްޕޮންސަރޝިޕްތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކާ ގުޅިގެންވެސް ތަފާތު އެކި މަސައްކަތްތައް ކޮށްފައެވެ.
އެގޮތުން މިދިޔަ އަހަރު ސީއެސްއާރު ޕްރޮޖެކްޓުތަކަށް އެމްޓީސީސީން ވަނީ ޖުމްލަ 11،141،311 (އެގާރަ މިލިޔަން އެއްލައްކަ ސާޅީސް އެއްހާސް ތިންސަތޭކަ އެގާރަ) ރުފިޔާ ހޭދަކޮށްފައެވެ. މިހޭދަތައް ކޮށްފައިވަނީ މައިގަނޑު 5 ދާއިރާއަކަށެވެ.
އެއީ ތިމާވެށްޓާއި އުމްރާނީ ތަރައްޤީއަށް ދިން އެހީތެރިކަމާއި، އިޖްތިމާޢީ އަދި މުޖުތަމަޢަށް ދިން އެހީތެރިކަމާއި، ސަރުކާރުގެ އިދާރާތަކަށް ދިން އެހީތެރިކަމާއި، ތަޢުލީމީ އަދި ޒުވާނުންނަށް ދިން އެހީތެރިކަމުގެ އިތުރުން އެހެނިހެން ސީއެސްއާރު މަޝްރޫޢުތަކަށް ދީފައިވާ އެހީތެރިކަމެވެ.
އެމްޓީސީސީގެ އަހަރީ ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރު އެންމެ ބޮޑު އެހީއެއް ދިނީ ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ އެދުމުގެ މަތިން ކުރިއަށް ގެންދިޔަ ޖުމްހޫރީ ފައުންޓެއިން މަރާމާތުކުރުމުގެ މަޝްރޫޢަށެވެ. މިމަޝްރޫޢަށް 6.94 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
އެމްޓީސީސީގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދިން އެހެން ދާއިރާތަކަށް ބަލާއިރު، ތިމާވެށްޓާއި އުމްރާނީ ތަރައްޤީއަށް 184,113 (ސަތޭކަ އަށްޑިހަ ހަތަރުހާސް ސަތޭކަ ތޭރަ) ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އިޖްތިމާޢީ އަދި މުޖުތަމަޢުގެ ކަންކަމަށް 220,000 (ދުއިސައްތަ ވިހިހާސް) ރުފިޔާ، ސަރުކާރުގެ އިދާރާތަކަށް 70,262 (ހަތްދިހަހާސް ދުއިސައްތަ ފަސްދޮޅަސް ދެ) ރުފިޔާގެ އެހީން އެމްޓީސީސީން ވަނީ ފޯރުކޮށްދީފައެވެ.
މިދިޔަ އަހަރު އެމްޓީސީސީން ވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން އިންތިޒާމުކުރި ދަތުރުފަތުރުގެ ދުވަހަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ސްޕީޑް ބޯޓުގެ ޚިދުމަތް ފޯރުކޮށްދީ، ރަސްމީ ދަތުރުތަކުގައި ރަށްރަށަށް ދަތުރުކުރުމަށް މަގުފަހިކޮށްދީފައިވެއެވެ.
މީގެ އިތުރުން، ތަޢުލީމީ ދާއިރާއިން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ސްކޫލްތަކުގެ ދަރިވަރުންގެ ދަތުރުތަކަށާއި އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުމަށް ބަހާއި ފެރީގެ ޚިދުމަތް ފޯރުކޮށްދީގެންވެސްވަނީ އެހީތެރިކަން ދީފައެވެ. އެގޮތުން ޖުމްލަ ގޮތެއްގައި 2024 ވަނަ އަހަރު ސީއެސްއާރުގެ ދަށުން 1.7 މިލިޔަން ރުފިޔާގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.
ރަށު ކައުންސިލްތަކާ ގުޅިގެން ކުނި މެނޭޖްކުރުމާއި ސަރަހައްދުތައް ސާފުކުރުމުގެ ގިނަ މަސައްކަތްތަކެއް އެމްޓީސީސީން ކުރިއަށް ގެންގޮސްފައިވެއެވެ. އެމްޓީސީސީން ވަނީ އިޖްތިމާޢީ ފައިދާއާއި، މުޖުތަމަޢުގެ ބޭނުންތަކަށް ރިޢާޔަތްކޮށް އިތުރު ގިނަ އެހީތެރިކަން ވެސް އެމްޓީސީސީންވަނީ ފޯރުކޮށްދީފައެވެ.