ރަސްމީ ޙުއްދައަކާ ނުލާ ޤަވާއިދާ ޚިލާފަށް ޙައްޖުގެ އަޅުކަން އަދާ ކުރުމަށް މަސައްކަތް ކުރާ މީހުންނަށް ވަޤުތީ ހިޔާވަހިކަން ދޭނެ ތަންތަން ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ފުރަތަމަ ފަހަރަށް ޤާއިމު ކޮށްފިއެވެ.
ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ވަނީ މި ފަދަ ދެ މަރުކަޒެއް ޖިއްދާގެ ރެޑް ސީ ސިޓީގެ އުތުރާއި ދެކުނުގައި ޤާއިމު ކޮށްފައެވެ. ޤަވާއިދާ ޚިލާފު ޙައްޖުވެރިންނަށް ބޯހިޔާވަހިކަން ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ސަޢުދީ ޢަރަބިއްޔާގެ ސަލާމަތީ އިދާރާތަކާއި ގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ. އެ ފަދަ މީހުންނާ ދެކޮޅަށް ސުލޫކީ ފިޔަވަޅު އެޅެންދެން އެ މީހުން ތިބޭނީ މި މަރުކަރުތަކުގައި ކަމަށް ޖިއްދާ މުނިސިޕަލިޓީގެ ތަރުޖަމާނު، މުޙައްމަދު އަލް ބަޣްމީ ވިދާޅުވިއެވެ.
ފާއިތުވި ހަފްތާތަކުގައި ސަޢުދީ ޢަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން ވަނީ ޙައްޖާ ގުޅޭ ޤަވާއިދުތަކާ ޚިލާފުވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅައިފައެވެ. ބޭނުންވާ ލިޔެކިޔުންތައް ނެތް ޙައްޖުވެރިންނާއި އެ ފަދަ މީހުންނަށް ކަންކަން މަގުފަހި ކޮށްދޭ މީހުންނަށް ވެސް ދަނީ ފިޔަވަޅު އަޅަމުންނެވެ.
ސަޢުދީ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާއިން ބުނީ ޚާއްޞަ ކޮމިޓީތައް މެދުވެރިކޮށް، ޤަވާއިދާ ޚިލާފަށް ޢަމަލު ކުރަމުންދާ މީހުންނާ ދެކޮޅަށް އިދާރީ ނިންމުންތައް ނިންމާ، ފިޔަވަޅު އަޅަމުންދާ ކަމަށެވެ. މި ނިންމުންތަކުގެ ތެރޭގައި ޖަލު ހުކުމާއި 100،000 ސަޢުދީ ރިޔާލާ ހަމައަށް ޖޫރިމަނާ ކުރުން ހިމެނެއެވެ. މި ފަދަ ކުށްތަކުގައި ޤައުމުން ބޭރު މީހުން ހިމެނޭ ނަމަ އެ މީހުން ޤައުމަށް އަނބުރާ ފޮނުވާލުމާއި ދިހަ އަހަރު ދުވަހުގެ މުއްދަތަށް ސަޢުދީ ޢަރަބިއްޔާއަށް އަލުން ނުވަދެވޭނެހެން ފިޔަވަޅު އެޅުން ހިމެނެއެވެ. އަދި ސަޢުދީ ޢަރަބިއްޔާގައި އެ މީހުންގެ ދަތުރުފަތުރު ކުރުމަށް ބޭނުން ކުރި އުޅަނދުތައް އަތުލުމަށް ޝަރުއީ އަމުރު ނެރެދިނުމަށް ވެސް އެ ވުޒާރާއިން ވަނީ އެދިފަ އެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމަށް ޙައްޖު ވިސާއެއް އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ސައުދީ ޢަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން ދަނީ ތަކުރާރު ކޮށް ހަނދާން ކޮށްދެމުންނެވެ. ވިޒިޓް ވިސާއެއް އޮތް ނަމަވެސް ޙައްޖުގެ އަޅުަކަމުގައި ބައިވެރި ނުވެވޭނެ ކަމަށް އިދާރާތަކުން އަބަދުވެސް ބުނެދެއެވެ. ސަޢުދީ ޢަރަބިއްޔައިން ދޫކުރާ ޙައްޖު ވިސާ ބިދޭސީން ހޯދަން ޖެހެނީ 80 ޤައުމެއްގައި ޤާއިމު ކޮށްފައިވާ ޙައްޖު އޮފީސްތައް މެދުވެރި ކޮށެވެ. ނުވަތަ ޙައްޖުގެ ކަންކަމަށް ޚާއްޞަ ކޮށްފައިވާ ޕޯޓަލް، ނުސުކް ޙައްޖު ޕްލެޓްފޯމް މެދުވެރި ކޮށެވެ. އެ ޕޯޓަލްއަކީ 126 ޤައުމަކުން ސަޢުދީ ޢަރައްބިޔާއަށް ދަތުރުކުރާ ޙައްޖުވެރިންނަށް ޚާއްޞަ ކޮށްަފައިވާ އޮންލައިން ޕްލެޓްފޯމެކެވެ.
ސަޢުދީ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާއިން ވަނީ ޤަވާއިދާ ޚިލާފަށް ޙައްޖުގެ އަޅުކަން ކުރަނިކޮށް، ނުވަތަ ކުރުމަށް މަސައްކަތް ކުރަމުންދަނިކޮށް ހިފަހައްޓާފައިވާ މީހުން 20،000 ރިޔާލުން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައެވެ. މިހާ ހަރުކަށި އިންޒާރެއް އެ ވުޒާރާއިން ދީފައި ވަނީ ވިޒިޓް ވިސާގައި ސަޢުދީ ޢަރަބިއްޔާއަށް އެތެރެވާ ބައެއް މީހުން އެ މީހުންގެ ވިސާގެ މުއްދަތު ހަމަވުމުން ވެސް އެ ޤައުމުން ބޭރު ނުވެ ޙައްޖުގެ އަޅުކަން އަދާ ކުރުމަށް މަސައްކަތް ކުރަމުންދާތީއެވެ.
ޙައްޖަކީ އިސްލާމްކަމުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. ޖިސްމާނީ ގޮތުންނާއި މާލީ ގޮތުން ކުޅަދާނަ މުސްލިމުން އުމުރުގައި މަދުވެގެން އެއްފަހަރު ޙައްޖުގެ އަޅުކަން އަދާ ކުރުން ވާޖިބުވެގެންވެއެވެ.