ކުޅިވަރު

ރޮނާލްޑޯ ރިޓަޔާކުރުމުގެ ހިޔާލެއް ނެތް: ގައުމީ ކޯޗު


އަވަސް މުސްތަގުބަލެއްގައި ރިޓަޔާކުރުމުގެ ޚިޔާލު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުގެންގުޅޭ ކަމަށް އެ ގައުމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ރޮނާލްޑޯ މި ވަގުތު ހުރީ ކުޅޭނެ ކުލަބެއް ނުނިންމައި ހުސްކޮށެވެ. އުމުރުން 39 އަހަރުގެ ކުޅުންތެރިޔާ ހުސްވި ސީޒަން ނިންމާލީ ސައޫދީ އަރަބިއާގެ ޕްރޯ ލީގުގެ ރަންބޫޓު ހޯދައިގެންނެވެ. އޭނާ ވަނީ ނިމިދިޔަ ސީޒަނުގައި އައް ނަސްރަށް 25 ގޯލު ޖަހައިދީފަ އެވެ. ނަމަވެސް އެ ކުލަބާއެކު ކޮންޓްރެކްޓް އާ ކުރުމާމެދު އޭނާ އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވަމުން ގައުމީ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ އޭނާގެ ކެޕްޓަން އަދި ކުޅުން ހުއްޓާނުލާނެ ކަމަށެވެ.

"ދަނޑު މަތީގައި އޭނާ އަކީ އެންމެ އެ މީހަކަށް ބަލާ މީހެއް. ދަނޑު ބޭރުގައި އެންމެން އޭނާ އުޅުމަށް ބަލައި ހަދާ. އޭނާ އަކީ ޒުވާން ކުޅުންތެރިންނަށް ހުރި ނަމޫނާ އެއް. މިހެންވެ އޭނާ ލައްވައި ކުޅުވަން އަހަރުމެން ބޭނުންވޭ،" މާޓިނޭޒް ބުންޏެވެ.

"ރިޓަޔާ ކުރުމުގެ ހިޔާލަކީ އޭނާ ގެންގުޅޭ ވިސްނުމެއް ނޫން. ތިޔައީ މޫސުމާ ބެހޭ ގޮތުން ވާހަކަ ދެއްކުން ފަދަ ކަމެއް. ކޮންމެ މީހެއްގެ ވެސް އަމިއްލަ ހިޔާލެއް ކޮންމެ ކަމެއްގައި ވެސް އޮވެދާނެ. ރޮނާލްޑޯ ވެސް ތަފާތު ހިޔާލެއް ގެންގުޅެފާނެ،" މާޓިނޭޒް ބުންޏެވެ.

އޭނާ ބުނީ ޕޯޗުގަލް މިވަގުތު އޮތީ މޮޅު ޓީމެއް ކަމަށާއި އެއީ ރޮނާލްޑޯގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދެވޭ ފެންވަރު ހުރި ކުޅުންތެރިންގެ ޓީމެއް ކަމަށެވެ. އޭނާ އިޝާރާތް މި ކުރީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް އެ މުބާރާތުގައި ކުޅެން ރޮނާލްޑޯ ބޭނުންވާ ވާހަކަ އެވެ. ވޯލްޑް ކަޕަކީ މިހާތަނަށް ރޮނާލްޑޯ އަށް ނުލިބޭ ހަމައެކަނި ތައްޓެވެ.