އިޓަލީގެ އިންޓަރ މިލާނުގެ ކޯޗުކަން ސްޕެއިންގެ ސެސް ފެބްރިގާސްއަށް ދީފާނެ ކަމަށް ބެލެވެން ފަށައިފިއެވެ.
އިޓަލީގެ އެންމެ ވަރުގަދަ އަދި އެންމެ ތާރީހީ އެއް ޓީމުގެ ކޯޗުކަން ފެބްރިގާސް ދިނުމާމެދު މިހާރު ވަނީ މަޝްވަރާ ފަށައިފަ އެވެ. އޭނާ މި ވަގުތު ކޯޗުކޮށް ދެމުން ދަނީ އިޓަލީގެ ކޯމޯ އަށެވެ. އިންޓަމިލާނުގެ ވެރިންނާއި ސްކައުންނަށް ފެބްރިގާސް ކަމުދިޔައީ ކޯމޯގައި އާދައިގެ ޓީމަކާއެކު އޭނާ ހުސްވި ސީޒަނުގައި ނެރުނު ނަތީޖާތައް ރަނގަޅު ވުމުންނެވެ. މިއާއެކު ޖަރުމަނުގެ ބަޔާ ލެވަކޫސެން އިން ކޯޗަކު ހޯދަން މަސައްކަޔް ކުރި އެ ކުލަބުގެ ރާޑަރަށް ވެސް އޭނާ އެރި އެވެ.
އިންޓަގެ ކޯޗުކަމުގެ މަގާމު ހުސްވީ ފާއިތުވެދިޔަ ފަސް އަހަރު އެ މަގާމުގައި ހުރި ސިމޯން އިންޒާގީ އިސްތިއުފާ ދިނުމުންނެވެ. ކުލަބުގެ ވެރިން އޭނާ އަށް ރުހުން ދީފައިވަނިކޮށް އިންޒާގީ އިސްތިއުފާ ދިނީ އިންޓަ އަށް ވުރެ މާބޮޑު މުސާރަ އަކަށް ސައޫދީ އަރަބިއާގެ އަލް ހިލާލްގެ ކޯޗުކަމާ ހަވާލުވުމަށެވެ.
އިޓަލީގެ ނޫސްތަކުން ބުނަނީ އިންޓަމިލާނުން ކޯޗަކު ހޯދުމުގައި އެންމެ ފުރަތަމަ ވާހަކަ ދައްކާނީ ދެ ކޯޗަކާ ކަމަށެވެ. އެއީ ފެބްރިގާސް އާއި ފްރާންސްގެ މާސޭގެ ކޯޗު ރޮބާޓޯ ޑިޒާބީއާ ކަމަށެވެ.
އިންޓައިން އެންމެ ފުރަތަމަ ވިސްނީ އިންޒާގީ އިސްތިއުފާ ދީފިނަމަ އިޓާލިއަން ލީގުގެ ޗެމްޕިއަން ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެނައުމަށެވެ. ނަމަވެސް އޭނާ ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ. ފެބްރިގާސް އާއި ޑިޒާބީގެ އިތުރުން އިންޓައިން އެ ކުލަބުގެ ކުރީގެ ކޯޗު މަޝްހޫރު ހޯސޭ މޮރީނިއޯއާ ވެސް ވާހަކަ ދައްކަފާނެ ކަމަށް އިޓަލީގެ މީޑިއާތަކުން ދެކެ އެވެ.