ސައުދީ އަރަބިއްޔާގެ އަލް ހިލާލްއާ ހަވާލުވުމަށް އިޓަލީގެ އިންޓަރ މިލާނުގެ ކޯޗުކަން ސިމޯން އިންޒާގީ ދޫކޮށްލައިފިއެވެ.
ފަސް އަހަރަށް ފަހު އޭނާ ކޯޗުކަން ދޫކޮށްލީ ކުލަބުގެ ވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު އެވެ.
އިޓަލީގެ މީޑިއާތަކުން ބުނަނީ މި މަހުގެ 15 ވަނަ ދުވަހު ފަށާ ކުލަބު ވޯލްޑް ކަޕުގެ ކުރިން އަލް ހިލާލްގެ ކޯޗުކަމާ އިންޒާގީ ހަވާލުވާނެ ކަމަށެވެ.
އިންޓަރ މިލާނުގެ ކޯޗުކަމުން އިސްތިއުފާ ދިނުމަށް އިންޒާގީ ބުނީ މިއީ ކުލަބާ ވަކިވާންވީ ވަގުތު ކަމަށެވެ.
"އަހަރެން ދުވަހަކު ވެސް އިންޓަމިލާން މަތިން ހަނދާން ނުނެތޭނެ. އަދި އަހަރެންނާއެކު އުފާކޮށް، ރޮއި ހެދި އެއްތައް މިލިއަން ސަޕޯޓަރުންނަށް އަބަދުވެސް ޝުކުރުވެރިވާނަން. އަހަރެން ދެކޭ ގޮތުގައި މިއީ އަހަރެން މި ކުލަބުން ވަކިވާންވީ ވަގުތު،" އިންޒާގީ ބުންޏެވެ.
އޭނާ ވަނީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އިންޓަ މިލާނަށް ހަ ތަށި ހޯދައިދީފަ އެވެ. އެއީ އިޓާލިއަން ސުޕަކަޕް ތިން ފަހަރު އަދި އިޓާލިއަން ކަޕް ދެ ފަހަރު އަދި އިޓާލިއަން ލީގު އެއް ފަހަރު އެވެ. އަދި ތިން އަހަރު ތެރޭގައި ދެ ފަހަރު ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ޓީމު ވަނީ ގެންގޮސްދީފަ އެވެ.
އޭނާގެ ފަހު ސީޒަނަކީ އިންޓަމިލާނުގައި ކާމިޔާބު ސީޒަނެއް ނޫނެވެ. އިޓާލިއަން ލީގު ދިފާއު ނުކުރެވުނީ ލީގު ނިމެން ދަނިކޮށް ހެދުނު ގޯހަކުން ނަޕޯލީ އަށް ވުރެ އެންމެ ޕޮއިންޓެއް މަދުވުމުންނެވެ. ސުޕަ ކަޕާއި އިޓާލިއަން ކަޕުން ވެސް ބަލިވެ މި ސީޒަން ނިންމާލަން ޖެހުނީ ހުސްއަތާ އެވެ.
އިންޓަމިލާނުގެ ވެރިން އޭނާ މަގާމުގައި ބަހައްޓަން ބޭނުންވެފައި ތިއްބައި އިސްތިއުފާ ދިނުމުން އެ ކުލަބުގެ ކޯޗުކަމާ ހަވާލުވާނެ މީހަކާމެދު ވަނީ ސުވާލު އުފެދިފަ އެވެ. އިންޒާގީ ކުލަބުގައި ނުހުންނާނެ ކަމަށް ބަލައި އިންޓައިން ބޭނުންވި ކޯޗަކީ ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެވެ. ނަމަވެސް ކުރިން އިންޓަ އަށް ކޯޗުކޮށްދިން ކޮންޓޭ ވަނީ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.