ދިވެހި ސަރުކާރާއި، ފުލުހުންގެ މުއައްސަސާއާއި ދެމެދު އޮތް ގުޅުން މިހާރަށް ވުރެ ވަރުގަދަކޮށް، ފުލުހުންގެ ވެލްފެއާރގެ ކަންކަން ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޙްމަދު ޡުހޫރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރެއްވުމަށް ރޭ އިސްކަންދަރު ކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅު ދައްކަވަމުންނެވެ.
"ޕޮލިސް މެމޯރިއަލް ޑޭ" އަކީ ފުލުހުންގެ ޚިދުމަތުގައި ރަސްމީ ޑިއުޓީގައި ތިބެ ޑިއުޓީ އަދާ ކުރަމުންދަނިކޮށް ދިމާވާ އެކިއެކި ޙާދިސާތަކާއި، ދެކޮޅުވެރި ޙަމަލާތަކުގައި ޝަހީދުވާ ފުލުހުންގެ ޛިކުރާ އައުކުރެއްވުމަށް ދިވެހި ފުލުހުންގެ މުއައްސަސާއިން ފާހަގަކުރައްވާ ދުވަހެކެވެ.
މި ދުވަސް ފާހަގަކުރައްވަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 23 ވަނަ ދުވަހުގައެވެ. ޕޮލިސް މެމޯރިއަލްޑޭ ނިސްބަތް ވަނީ ފުލުހުންގެ ޝަރަފުވެރި ޔުނީފޯމުގައި ރަސްމީ ޑިއުޓީގައި ހުއްޓައި ދިން ނުރައްކާތެރި ޙަމަލާއެއްގައި 2012 ވަނަ އަހަރު ޖުލައިމަހުގެ 23 ވަނަ ދުވަހު ދުނިޔެ ދޫކުރެއްވި، ޝަހީދު ޕޮލިސް ސާޖަންޓް އާދަމް ޙަލީމްގެ ހަނދާނުގައެވެ.
މިދުވަސް ފާހަގަކުރުމަށް ބޭއްވެވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޙްމަދު ޡުހޫރު ވިދާޅުވީ، ރައްޔިތުންގެ ތެރޭގައި ފިތުނަވެރިކަން އުފައްދާ، އެއްބަޔަކު އަނެއް ބަޔަކަށް ޖެއްސުމަށް ކަންކަންކޮށް، ހަމަޖެހުން ގެއްލޭފަދަ ކަންކަން ކުރަމުންދާ މަންޒަރު މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢު ތެރެއިން ފެންނަމުންދާކަމަށެވެ. އެހެންކަމުން، ދިވެހި ފުލުހުން ފަދަ ރައްޔިތުން ހިމާޔަތްކުރުމުގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ދެމިތިބޭ ބަޔަކު އެފަދަ ކަންކަމަށް ހެއްލިގެން ނުވާނެކަމަށެވެ. އަދި ޤައުމަށް ނުރައްކަލެއް ދިމާވާ ކޮންމެ ހާލަތެއްގައިވެސް ދިވެހިންގެ މިނިވަންކަމާއި، އިސްތިޤްލާލު ދިފާޢުކުރުމަށްޓަކައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދާ އެއް ބަޔަކީ ދިވެހި ފުލުހުންކަން ފާހަގަކުރައްވާ، މިނިސްޓަރ ޡުހޫރު ވިދާޅުވީ، ފުލުހުންގެ ޤައުމީ ޚިދުމަތް ސަރުކާރުން ބަލައިގަންނަނީ ނުހަނު އުފަލާއި، އިޙްތިރާމާއި އެކުގައިކަމަށެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ފުލުހުންގެ މުޢައްސަސާ ހަރުދަނާކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތާއި، އެހެނިހެން ވަސީލަތްތައް ޤާއިމުކޮށްދީ، އެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ޑިއުޓީ އަދާ ކުރަމުންދަނިކޮށް ދިމާވާ އެކިއެކި ޙާދިސާތަކާ ގުޅިގެން ދުނިޔެ ދޫކުރައްވާ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުންވެސް އެންމެ ފުރިހަމަގޮތުގައި ދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވީ، ފުލުހުންގެ ޔުނިފޯމް އަޅާ ހިސާބުން ފެށިގެން ކޮންމެ މީހަކުވެސް އެ އިޖާބަދެނީ ދީނާއި ޤައުމުގެ ހައްޤުގައި އަމިއްލަ ފުރާނައިންވެސް ޤުރުބާންވާންޖެހިދާނެފަދަ މަތިވެރި ގޮވާލުމަކަށް ކަމަށެވެ. އެހެންނަމަވެސް ފުލުހުންގެ ޔުނިފޯމްގެ ޙުރުމަތް ކަނޑާލައި، ފުލުހުންގެ މުއައްސަސާގެ ނަން ކިލަނބުކޮށްލުމަށް ބައެއް ފަރާތްތަކުން ކެނޑިޅޭނި މަސައްކަތް ކުރަމުންދާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މިކަމުގައި މަދުން ނަމަވެސް، ފުލުހުންގެ މުއައްސަސާގައި ކުރިން މަސައްކަތްކޮށްފައި ތިބި، އަދި މިހާރު ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހިފައިތިބި ފަރާތްތައް އިސްދައުރެއް އަދާކުރާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފްވަނީ، ފުލުހުންގެ ޔުނިފޯމަށް ދިވެހި ކޮންމެ ރައްޔިތަކުމެ އިޙްތިރާމްކުރުމަށް އެދިވަޑައިގެންފައެވެ. އަދި ފުލުހުންގެ މުއައްސަސާގެ އަގު ހިފެހެއްޓުމަށް ހުރިހާ ފުލުހުންނަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އިލްތިމާސްކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތުގައި ރަސްމީ ޑިއުޓީގައި ތިބެ ޑިއުޓީ އަދާ ކުރަމުންދަނިކޮށް ދިމާވި އެކިއެކި ޙާދިސާތަކުގައި ޝަހީދުވި ފުލުހުންގެ ހަނދާން އާކުރުމުގެ ގޮތުން ހަމަހިމޭންކަމުގެ ސުކޫތެއް ގެންނަވާފައިވެއެވެ. ހަމައެހެންމެ ދުވަހާއި ގުޅޭ ޚާއްސަ ދުޢާއެއްވެސް ކުރައްވާފައިވެއެވެ.