ކުޅިވަރު

"މަރުހަބާ ކިޔަން އެމްބޭޕޭ ގުޅި، އެދެނީ އޭނާއަށްވެސް ކާމިޔާބު ލިބުން"


ފްރާންސްގެ ޕީއެސްޖީން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުން ކުރީގެ ފޯވާޑް ކީލިއަމް އެމްބާޕޭ މަރުހަބާ ކިޔަން ގުޅި ކަމަށް އެ ޓީމުގެ ރައީސް ގަތަރުގެ މަހުޖަނު ނަސީރު އަލް-ޚެލައިފީ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ އިޓަލީގެ އިންޓަމިލާން 5-0 އިން ބަލިކޮށް ޕީއެސްޖީ ހޯދި ތައްޓަކީ އެ ޓީމުން ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ފޯވަޑް ފްރާންސްގެ އެމްބާޕޭ ޕީއެސްޖީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވީ ނިމުނު ސީޒަނަށެވެ. އޭނާ ޕީއެސްޖީ ދޫކޮށްލީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށްޓަކަ އެވެ. ޕީއެސްޖީގައި ހުރެ މި ތަށި ކާމިޔާބު ނުކުރެވިދާނެ ކަމަށް ދެކިގެންނެވެ.

ނަމަވެސް ޚެލައިފީ ވިދާޅުވީ އެމްބާޕޭއަށް މި ތަށި ކާމިޔާބުވުމުގެ ކުރިން ޕީއެސްޖީ ތަށި ހޯދުމުން އެމްބާޕޭ ފޯނު ކުރި ކަމަށެވެ.

"އާނ އޭނާ އަހަންނަށް ގުޅި މަރުހަބާ ކިޔަން. އަހަރެން އޭނާ އަށް ކާމިޔާބު ލިބުމަށް އެދެން. އޭނާ ގަސްތު ކުރީ ކާމިޔާބު ހޯދަން މުޅިން އެހެން މަގެއް. އަހަރުމެން މިދަނީ އެހެން މަގަކުން،" ހެލައިފީ ވިދާޅުވި އެވެ.

ޕީއެސްޖީ ތަށި ހޯދުމުން ފްރާންސްގެ ރައީސް އެމެނުއަލް މާކޮން ވަނީ ޓީމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔައިފަ އެވެ. އަދި ރިއާސީ ގަނޑުވަރުގައި ޓީމާ ބައްދަލުކޮށް ހާއްސަ ހަފުލާ އެއް ވެސް ވަނީ ބާއްވާފަ އެވެ.

އޭނާ ވިދާޅުވީ ޔޫރަޕާއި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބަލޮންޑޯ އެވޯޑް މި ސީޒަނުގައި ހައްގުވަނީ ޕީއެސްޖީގެ ފްރާންސް ފޯވާޑް އޮސްމާނޭ ޑެމްބެލޭއަށް ކަމަށް ވެސް އެމްބާޕޭ ބުނި ކަމަށެވެ.

ހެލައިފީ ވިދާޅުވީ ޕީއެސްޖީގެ ކާމިޔާބީއާ މެދު އޭނާ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ. އަދި މި ކާމިޔާބީގައި މީގެ ކުރިން އެ ކުލަބަށް ކުޅުނު މޮޅު ކުޅުންތެރިންގެ ހިއްސާ އޮތް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"ހެމަ ތެދަށް މި ބުނަނީ. އަހަރުމެން ކުލަބަށް ކުޅެން ސޮއި ކުރި ހުރިހާ ކުޅުންތެރިންނަށް އަހަރެން ޝުކުރު އަދާ ކުރަން. މި ޕްރޮޖެކްޓްގައި އެ މީހުންނަކީ މުހިންމު ދައުރެއް އާދާކުރި ކުޅުންތެރިން މިއަދު ކުލަބުގައި ނެތަސް. މި ގޮތުން ކުރީގެ ކެޕްޓަން ތިއާގޯ ސިލްވާ އާއި ލާޓަން އިބްރަހިމޮވިޗާއި އެޑިންސަން ކަވާނީ އާއި ތިއާގޯ މޮޓާ އާއި އެންހެން ޑިމާރިއާ އާއި އެ ނޫން ވެސް ކުޅުންތެރިން ހިމެނޭ. އަދި ލަޔޮނަލް މެސީ އާއި ނޭމާ އާއި އެމްބާޕޭ ވެސް މި ކުލަބަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާ ކުރަން،" ހެލައިފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީއެސްޖީގެ ކާމިޔާބީގެ ސަބަބަކީ މޮޅު ސްޓާރުން ބޮޑު އަގުގައި ގަތުން ހުއްޓާލާފައި ޒުވާން ކުޅުންތެރިންނަށް އިންވެސްޓް ކުރުމުން ކަމަށެވެ. މިހެންވެ ދެން އެ ކުލަބުން ކުރި އަށް ދާނީ އަނެއްކާ ވެސް މިފަދައިން ކަމަށެވެ.