ޢަރަބި ޤައުމުތަކުގެ ވަޒީރުންގެ ވަފުދެއް ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ދަތުރު ކުރުމަށް ޒަޔަނިސްޓު އިސްރާއީލުން ހުރަސް އެޅުމާ ގުޅިގެން ޔަހޫދީން ހައްދުފަހަނަ އަޅާފައިވާ މިންވަރު، އަދި ސުލްޙައާ ދެކޮޅު މިންވަރު ހާމަވެގެން ގޮސްފައިވާ ކަމުގައި ވިދާޅުވެ، ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް-ސުޢޫދު ފާޑުވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ އުރުދުންގެ ވެރިރަށް ޣައްމާނަށް ވަޑައިގަންނަވައި، އުރުދުނާއި މިޞްރު އަދި ބަޙްރަޔިންގެ ޚާރިޖީ ވަޒީރުންނާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަަކަފުޅު ދައްކަވަމުންނެވެ.
ބައެއް ޢަރަބި ޤައުމުތަކުގެ ވަޒީރުންގެ ވަފުދެއް ހުޅަނގު އައްސޭރީގެ ރާމަاللهއަށް ދިޔުމަށް މަސައްކަތް ކޮށްފައި ވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ އެކު މުހިންމު މަޝްވަރާތަކެއް ބޭއްވުމަށެވެ. "[ޢަރަބި ޤައުމުތަކުގެ ވަޒީރުންގެ ވަފުދު] ހުޅަނގު އައްސޭރިއަށް ދަތުރު ކުރުމަށް އިސްރާއީލުން ހުރަސް އެޅުމުން ހާމަވެގެން ދިޔައީ އެ މީހުން ހައްދުފަހަނަ އަޅާފައިވާ މިންވަރު، އަދި ސުލްޙަ ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އަޅަމުންދާ މިންވަރު… [ޔަހޫދީންގެ] އެ އަމަލާ އެކު، ބައިނަލްއަޤްވާމީ މައިދާނުގައި ޚާރިޖީ ދާއިރާއިން އިތުރު މަސައްކަތްތައް ކުރުމަށް އަޅުގަނޑުމެންނަށް އިތުރު ހިތްވަރެއް ލިބިއްޖެ،" ޕްރިންސް ފައިޞަލް ވިދާޅުވިއެވެ.
ބައެއް ޢަރަބި ޤަައުމުތަކުގެ ޚާރިޖީ ވަޒީރުން ހުޅަނގު އައްސޭރިއަށް ދަތުރު ކުރެއްވުމަށް ހަމަޖެހިފައި އޮތީ ޖޫން 1ވަނަ ދުވަހުއެވެ. އެ ވަފުދު އެކުލެވިގެން ވަނީ އުރުދުނާއި، މިޞްރާއި، ސަޢޫދީ ޢަރަބިއްޔާއާއި، ޤަޠަރުގެ އިތުރުން އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ ޚާރިޖީ ވަޒީރުންގެ މައްޗަށެވެ. ނަމަވެސް، މޭ 31ވަނަ ދުވަހު ޒަޔަނިސްޓު އިސްރާއީލުން ވަނީ އެ ބޭފުޅުންނަށް ހުޅަނގު އައްސޭރިއަށް ދަތުރު ކުރެއްވުމުގެ ފުރުޞަތު ނުދޭނެ ކަމުގައި ބުނެ، ވަފުދަށް ހުރަސް އަޅާފައެވެ.
އެއީ، ޕްރިންސް ފަރްޙާން ހުޅަނގު އައްސޭރިއަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ޒަޔަނިސްޓު އިސްރާއީލުން އެ ދަތުރަށް ހުރަސް އަޅާފައި ވަނީ، އެއީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމުގެ މަޝްވަރާތައް ބޭއްވުމަށް ކުރާ ދަތުރެއް ކަމުގައި ބުނެއެވެ. އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވެސް ވަނީ ޔަހޫދީންގެ ނިންމުމަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ޢަރަބިންނާއި ޔަހޫދީންނާ މެދު ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަ ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޔަހޫދީން ހުރަސް އަޅަމުންދާ ކަމުގައެވެ.
ޢަރަބި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ވަފުދަށް ޔަހޫދީން ހުރަސް އަޅާފައި މި ވަނީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ސަޢޫދީ ޢަރަބިއްޔާއާއި ފަރަންސޭސިވިލާތުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ އެ މަޝްވަރާ ބައްދަލުވުންތައް އޮންނާނީ ޖޫން 17ން 20އަށް އެމެރިކާގެ ނިއު ޔޯކްގައެވެ.
ނިއު ޔޯކްގައި ބާއްވާ މަޝްވަރާތަކުގައި ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިޞްރުގެ ޚާރިޖީ ވަޒީރު ބަދްރު ޢަބްދުލް ޢާޠީ ވިދާޅުވީ، އެ ބައްދަލުވުމުގައި ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް ފަހު، އެ ސަހަރުގައި ސަލާމަތީ ކަންކަން އިންތިޒާމު ކުރާނެ ގޮތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމުގައެވެ. އަދި، ޣައްޒާ އަލުން އާރާސްތު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ.