މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދުސަމާލުނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:15އިން 15:00އާ ހަމައަށެވެ. މިވަގުތު ތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައިގަދަވުމާއެކު ކަނޑުތައްވެސް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުމީދޫއަށެވެ. އެގޮތުން ހުޅުމީދޫއަށް 53.3 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރައިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށާއި، ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
އަދި ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިހެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ގަދަވަޔާ އެކު މާލެ ސަރަހައްދުގެ ބައެއް ގެތަކުގެ ފުރާޅު އެއްލާލުންފަދަ ހާދިސާތައްވެސް ވަނީ ރިޕޯޓުކޮށްފައެވެ. އެކަމައި ގުޅިގެން ސިފައިންވެސް ވަނީ ހަރަކާތްތއރިވެފައެވެ. ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ މޫސުމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވެސްވަނީ އިލްތިމާސްކުރައްވާފައެވެ.
އެގޮތުން، މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމާއި މޫސުމީ ސަމާލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށާއި، އުޅަނދަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށާއި، އެމަރޖެންސީ ހާލަތުގައި ގުޅާނެ ނަންބަރުތައް ފެންނާނެހެން އުޅަނދުގައި ބެހެއްޓުންފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ. ނަމަވެސް ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށާއި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
އަދި ދެކުނުގެ އަތޮޅުތަކުގެ ރާޅުގެ އުސްމިނުގައި 2-5 ފޫޓު އަދި އުތުރުގެ އަތޮޅުތަކުގެ ރާޅުގެ އުސްމިނުގައި 6-3 ފޫޓު ހުންނާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
ރާއްޖެއަށް މިހާރު މިކުރާ ވިއްސާރައަކީ، ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
މޫސުމާ ބެހޭ ޤައުމީ ޢިދާރާއިން ވިދާޅުވީ މާދަމާއިން ފެށިގެން އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށް ބެލެވޭކަމަށެވެ.